30 އަހަރަށްފަހު ބޮލީވުޑްގެ އެންމެ ބޮޑު ދެ ސުޕަ ސްޓާރުން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އެކުގައި ފިލްމަކުން ފެންނަން އުޅޭ ކަމުގެ ފެހި ސިގްނަލެއް ދީފި އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސިދްހާތު އަނަންދު ޑައިރެކްޓްކުރާ "ޓައިގާ ވާސަސް ޕަތާން" ފިލްމަށް އެ ދެތަރިން ވެސް އެއްބަސްވެފައިވާއިރު މިމަހުގެ ތެރޭގައި ޝޫޓިން ފެށޭނެ އެވެ.

މި އަހަރު ޝޫޓިން ފެށުނު ނަމަވެސް އެ ފިލްމު ނެރެން ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް މީޑިއާތަކުން ހަބަރު ފަތުރަ އެވެ.

މި ހަބަރާއެކު އެކްސް (ކުރީގެ ޓްވިޓާ)ގައި ހޭޝްޓެގްއެއް ދައުރުވަމުން އަންނައިރު ބޮޑު ދެ ސުޕަސްޓާރުންގެ އެކުވުމަށް ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިއަހަރު ކުރީކޮޅު ނުކުތް ޝާހްރުކްގެ ޕަތާންގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނިގެން ގޮސްފައިވާއިރު އޭރުއްސުރެ ގިނަ ބަޔަކު ދަނީ އެދެތަރިންގެ އެކުވުމަކަށް ޑިމާންޑު ކުރަމުންނެވެ.

ޝާހްރުކްއާއި ސަލްމާން އެންމެ ފަހުން އެކުގައި ލީޑު ރޯލަކުން ފެނިގެން ގޮސްފައިވަނީ 1995 ވަނަ އަހަރު ނުކުތް ކަރަން އަރްޖުން ފިލްމުންނެވެ.

މިހާރުގެ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް އޭނާގެ އެންމެ ފަހުގެ ފިލްމު ޖަވާންގެ ކާމިޔާބީ ފާހަގަ ކުރަމުން އަންނައިރު ސަލްމާން އަންނަނީ ޓައިގާ 3 ރިލީޒް ކުރަން ތައްޔާރު ވަމުންނެވެ.