ދެބައި އުމުރަށް ނުދަނީސް އިސްތަށިތައް ނުރަވާން ފަށަ އެވެ. ނުރަތައް ގިނަ ވަމުން ގޮސް މީހުންނަށް ފާހަގަވާން ފަށައި ލަދު ގަންނަން ޖެހޭ ފަހަރު ވެސް އާދެ އެވެ. މިއީ މިހާރަކަށް އައިސް ގިނަ ޒުވާނުންގެ ޝަކުވާ އެކެވެ. ސުވާލަކީ މިއީ ކީއްވެގެން ވާ ކަމެއްތޯ އުފެދޭ ސުވާލެވެ.

ސްޓްރެސް އިތުރުވުން

ނިއު ޔޯކް ޔުނިވާސިޓީ އިން ނޭޗާ މެގަޒިން ޖާނަލްގައި 2013 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ސްޓްރެސް ލެވެލް މަތިވުމަކީ އިސްތަށިން ސްޓެމް ސެލް ދަށްކޮށްދޭ ކަމެކެވެ. ސްޓެމް ސެލްސް އަކީ އެހެން ސެލްސްތަކަށް ދިރުމާއި ބާރު ދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ސެލްސްތަކެކެވެ.

ހަށިގަނޑުން ވިޓަމިން މަދުވުން

ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންސް އޭގެ އެކަށީގެންވާ މިންވަރުން ދަށަށް ދިއުމަކީ ސިއްހީ ގޮތުން ތަފާތު މައްސަލަތަކެއް ނުކުމެދާނެ ކަމެކެވެ. އެގޮތުން ބަލާއިރު ވިޓަމިން ބީ12 ހަށިގަނޑުން ދަށްވުމަކީ އިސްތަށިގަނޑު ޒުވާން އުމުރުގައި ހަލާކުވެ ނުރަވުމަށް މެދުވެރި ވެދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ޑޮކްޓަރުންނާއި ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ދެވޭ އެންމެ ބޮޑު ގެއްލުމެވެ. ވަކިން ހާއްސަކޮށް ސިނގިރޭޓް ބޯ ނަމަ އުމުރުން 30 އަހަރުވުމުގެ ކުރިން އިސްތަށިގަނޑު ނުރަވާން ފެށުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާތަކުން ވެސް އެނގިފައި އެބަހުއްޓެވެ.