އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ޔޫއެން އިން ބަލަން ބޭނުންވާ ކަންތައް ބެލުމަށް އިންސްޕެކްޓަރުން އީރާނުގައި ހަރަކާތްތެރިވުން އެގައުމުން މަނާކޮށްފި އެވެ.
އީރާނުން އިންސްޕެކްޓަރުންގެ ހަރަކާތްތައް މަނާކުރީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތުގެ ސްޕީޑް ބާރުކޮށްފައިވާ ކަމަށް ހުޅަނގުން ޝައްކުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއިން ބުނިގޮތުގައި އެ ޖަމާއަތުން އީރާނުގައި ހަރަކާތްތެރިވަމުންދިޔަ ޓީމުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އީރާނުގައި ހަރަކާތްތެރިވުން އެގައުމުން ވަނީ މަނާކޮށްފަ އެވެ.
އެ އެޖެންސީން ބުނި ގޮތުގައި އެމީހުންނާ ނުލައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ހާލަތު ވަޒަންކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ.
އީރާނުގެ ނުއުކްލިއާ ޕްރޮގްރާމަކީ ހަތިޔާރު އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދެކޭތީ ޖެއްސި މައްސަލަތަކުގެ ދަށުން ޔޫއެން މެދުވެރިވެ، ހުޅަނގުގެ ބޮޑު ތިން ގައުމަކާއި އެމެރިކާ ގުޅިގެން އީރާނާއެކު އެއްބަސްވުމެއް ގާއިމުކުރީ 2015 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން އދ. ގެ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއިން ގެންދަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މޮނިޓާ ކުރަމުންނެވެ.
އީރާނުން ބުނި ގޮތުގައި އެގައުމުގައި ހަރަކާތްތެރިވުން މަނާކުރީ އެޓޮމިކް އޭޖެންސީގެ ނަމުގައި ގޮސް އެމެރިކާއާ ޔޫރަޕްގެ ގައުމުތަކުގެ އަމިއްލަ އެޖެންޑާއެއް ފަތުރަން އުޅުނު މީހުންނެވެ.
2015 ވަނަ އަހަރު އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުންވެފައިވާ އެއްބަސްވުމުން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ބޭރުވެފަ އެވެ. އެއާއެކު އެމެރިކާ އިން ވަނީ އީރާނަށް ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީގެ ބައްދަލުވުމުގައި ފްރާންސާއި ޖަރުމަނާއި އިނގިރޭސި ވިލާތް ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އީރާނުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އެ ގައުމުތަކުން ވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނެ ކަމަށް ވެސް ބުނެފަ އެވެ.
އީރާނުން ބުނަމުން އަންނަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.