ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުކޮށްދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން މިހާރު އޮޕަރޭޝަނަށް ނުގޮސްހުރި އަދި ނުހެދި ހުރި ރިސޯޓުތަކުގެ ތެރެއިން ކުލީގެ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ތެރޭގައި ކުލި ފިޔަވައި އެހެން ޖޫރިމަނާއެއް ނުހިމެނޭ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަރާ އަދަދު، ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ވަނީ ކުޑަކޮށްފަ އެވެ. ރިސޯޓު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އަރާ 0.5 ޕަސެންޓުން 0.0493 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. އެކަމަކު މީރާ އިން ބުނީ އެ ޖޫރިމަނާ މާފުކުރިކަން ޓޫރިޒަމް މިނިސްޓްރީން މީރާ އަށް އަންގާފައި ވަނީ މިދިޔަ މަހު ކަމަށެވެ.

މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

ޖޫރިމަނާއަށް ގެނައި ބަދަލާ ގުޅިގެން ބޮޑު އަދަދެއް މާފުވި އިރު މިދިޔަ އަހަރު މިދިޔަ އަހަރު ވަނީ ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ އިސްލާހު އަނބުރާ ގެންގޮސްފަ އެވެ.