މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފުލުހުން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޒިފް ޢަބްދުއްސަލާމް 28އ، ކަމަށެވެ.

ނާޒިފްގެ އާއިލާއަށް އޭނާގެ ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު 17 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ދިރިއުޅެނީ މާލޭގައި ކަމާއި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ނާޒިފް އެންމެފަހުން ފެނުނުއިރު ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއް ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފަ އެވެ.

ފުލުހުން އެދިފައިވަނީ ނާޒިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި އެކަން ހިއްސާ ކުރެއްވުމަށެވެ.

މިހާރަކަށް އައިސް މީހުން ގެއްލިގެން ހޯދުމަށް ފުލުހުން ވަރަށް ގިނައިން އިއުލާނު ކުރެ އެވެ. މިގޮތަށް އިއުލާނު ކުރާ ބައެއް މީހުން އަމިއްލައަށް ގެއަށް ގޮސްފައިވާއިރު އަނެއް ބަޔަކު ފެނިފައިނުވެ އެވެ.