ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް 35 އިންސައްތަ އެލެވަންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިއެލަވަންސް ދެއްވުމަށް ރައީސް ސޯލިހު ނިންމެވީ ސަރުކާރުގެ ވުޒާރާތަކުގެ 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެއެލަވަންސް ހަމަޖެހިގެން ދިޔައިރު، މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށްފަހު ކަމަށެވެ. އަދި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެމުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެވޭތީ އެލަވަންސް ދެއްވަން ނިންމެވީ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

އަދި ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ މަހުން ފެށިގެން މި 35 އިންސައްތަ އެލަވަންސް ހަމަޖެއްސެވުމަށް ރައީސް ނިންމެވީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.