ޗައިނާގެ ރައީސް ޝީ ޖިން ޕިންއަކީ ޚުދުމުޚުތާރު ވެރިއެކޭ ބުނުމުގެ ސަބަބުން ޗައިނާއަށް ޖަރުމަނުން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު އެ ގައުމުގެ ފޮރިން މިނިސްޓަރީއަށް ހާޒިރުކޮށްފި އެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި ޗައިނާގައި ހުންނަވާ އެގައުމުގެ އެމްބެސެޑަރު ޕެޓްރީސިއާ ފްލޯ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ނުރުހުން ވަނީ ފާޅުކޮށްފަ އެވެ.
ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ފޮކްސް ނިއުސްއަށް ދެއްވި އިންޓައވިއުއެއްގައި ޖަރުމަނުގެ ފޮރިން މިނިސްޓަރު އެނެލީނާ ބެއާބޮކް ވިދާޅުވީ ރަޝިއާއިން ހަނގުރާމަ ކާމިޔާބު ކޮށްފިނަ ޗައިނާގެ ރައީސް ޝީ ފަދަ އެހެން ޑިކްޓޭޓަރުންނަށް ލިބޭ މެސެޖް މާ ރަނގަޅެއް ނުވާނެ ކަމަށެވެ. އެހެން ކަމުން ޔުކްރޭން، ހަނގުރާމައިން މޮޅުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޖަރުމަނުގެ ވާހަކައަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫނެވެ. އަދި އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ޖަރުމަނުގެ ވާހަކައަކީ ޗައިނާގެ ސިޔާސީ ގޮތުން ޗައިނާގެ އަގު ވައްޓާލުމަށް ބޭނުންކޮށްފައިވާ ވާހަކައެކެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިން ކޮންމެ ދުވަހަކު ދެއްވާ ބްރީފިންގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކޮށްގެން ޖަރުމަނާ މުއާމަލާތް ކޮށްފައިވާ ކަމަށެވެ.
ޖަރުމަނުން މިއަހަރުގެ ކުރީކޮޅު ވަނީ އެ ގައުމާއި ޗައިނާގެ ގުޅުމާ ބެހޭ ކަރުދާހެއް އެކުލަވާލައިފަ އެވެ. އޭގައިވާ ގޮތުން ޗައިނާގެ މައްޗަށް ބަރޯސާވުން ކުޑަކުރުމުގެ ސިޔާސަތެއް އެގައުމުން ގެންގުޅޭނެ އެވެ. އެހެން ނަމަވެސް އެ ކަރުދާހުގައި ޗައިނާއާ ގުޅުން ކަނޑާލަން ނުވަތަ ދުރުވެގަންނަން ބޭނުންވާ ކަމަށް ބުނެފައެއް ނުވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ޝީ ޖިން ޕިންއަށް ޑިކްޓޭޓަރެކޭ ވިދާޅުވި މައްސަލައިގައި އެމެރިކާ އާ ޗައިނާއާ ދެމެދުގައި ސިޔާސީ މައްސަލަތަކެއް އުފެދުނެވެ.