އެޕަލް ފޯނަކީ އެހެން ހުރިހާ ފޯނަކަށް ވުރެ އަބަދުވެސް މާ މަގުބޫލު ފޯނެކެވެ. ލާނެ އެއްޗެއް ނެތަސް، ބޯނެ އެއްޗެއް ނެތަސް ކޮންމެ މީހެއްގެ އަތުގައި ވެސް އައިފޯނެއް އޮންނަން ޖެހެ އެވެ.

ހާއްސަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންގެ މެދުގައި މިއީ މާ މަގުބޫލު ފޯނެކެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އައިފޯނެއް ލިބޭތޯ މިކުދިން ބަލަ އެވެ. އެއީ އެ ފޯނުން އެހެން ފޯނުތަކުން ނުކުރެވޭ ވަރުގެ މޮޅުކަމެއް ކުރެވޭތީ އެއްވެސް ނޫނެވެ. ބޭނުމަކީ ތިމާގެ އަތުގައި ވެސް އައިފޯނެއް އޮތް ކަން އެހެން މީހުންނަށް ދެއްކުމެވެ. އައިފޯނެއް އޮތުމަކީ އެ މީހެއްގެ ހައިބަތު ދައްކުވައިދޭ ކަމެއް ކަމަށް މިކުދިން ދެކެ އެވެ.

އައިފޯނުގެ އަގު އެހެންފޯނުތަކާ އަޅާ ބަލާއިރު ބޮޑުވުމުން އެ ފޯނު ގަތުމަށް ޖެހޭނީ ކިޑްނީއެއް ވިއްކާލަން ކަމަށް ބުނެ ޖޯކަކަށް ހަދާފައި ގިނަ މީމްތައް ދައުރުވެ އެވެ. މި މީމްގައި ބުނާގޮތުން އައިފޯނެއް ގަތުމަށް އަސްލު ވެސް ކިޑްނީއެއް ވިއްކާލި ކުއްޖަކަށް މިވަނީ ދެރަ ގޮތެއް ދިމާވެފަ އެވެ.

ޗައިނާއަށް ނިސްބަތްވާ ވޭންގް ޝަންގްކުން އަކީ މީގެ 11 ވަރަކަށް އަހަރު ކުރިން، އޭނާގެ ފުރާވަރު އުމުރުގައި އައިފޯނެއް ގަތުމަށް ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކުއްޖެކެވެ. އެހެންކަމުން އެކަމަށްޓަކައި ކިޑްނީ ވިއްކާލަން ވެސް ވޭންގް ފަހަކަށް ނުޖެހުނެވެ.

އޭރު އުމުރުން 17 އަހަރުގެ ވޭންގު އޭނާގެ ކިޑްނީ ވިއްކާލީ ކަޅު ބާޒާރުގަ އެވެ. ކޮންމެ މީހެއްގެ ވެސް ދެ ކިޑްނީ އޮންނާތީ އޭނާ ޔަގީންކޮށްގެން ހުރީ އޭނާއަށް ވެސް އެއް ކިޑްނީން އުޅެވިދާނެ ކަމަށެވެ.

ވޭންގް އޭނާގެ ކިޑްނީ ވިއްކާލީ ޗައިނާގައި އިންސާނުންގެ ގުނަވަންތަކުގެ ވަގު ވިޔަފާރި ކުރާ މީހަކަށް، 3،200 ޑޮލަރަށެވެ. އޭނާ އެ ފައިސާއަށް ގަތީ އައިފޯނު 4 އަކާއި އައިޕެޑެކެވެ.

އެންމެ ކިޑްނީއަކުން ވާނެ ކަމަށްހީކޮށްގެން ހުއްޓާ އެ ކީޑްނީ މިވަނީ އޭނާއަށް "ދޯކާ" ދީފަ އެވެ.

މިހާރު އޭނާ އޮތީ އުމުރަށް އެނދުމަތިވެފަ އެވެ. ފޮކްސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ އޮތް ހަމައެކަނި ކިޑްނީ ފެއިލްވުމުން ޑައިލިސިސް ހެދުމަށް ވޭންގް އޮންނަނީ މެޝިން ގުޅާފައި އެ މެޝިންތަކަށް ބަރޯސާވެގެންނެވެ.

ވޭންގްގެ ކިޑްނީ ވިއްކާލުމަށް ކުރި ސާޖަރިއަށް ފަހު އޭނާގެ ހަށިގަނޑުގައި ވަނީ ރޭނަލް ޑެފިޝިއެންސީ އެއް އުފެދިފަ އެވެ. ގަބޫލުކުރެވޭ ގޮތުގައި މި އިންފެކްޝަން އުފެދުނީ ސާޖަރީ ހެދި ތަނުގެ ފަރުވާކުޑަކަމާއި ސާފުތާހިރުކަން ކުޑަވުމުންނެވެ.

ވޭންގް ވެސް ކުރިމަގަށް ގިނަ އުންމީދުތައް ކުރި އެވެ. ނަމަވެސް އެޅުނު އެންމެ "ޅަ އެއްޗަކާ" ގުޅިގެން އުމުރަށް އެނދުމަތިވެ، ޖެހުނީ ކޮލެޖުގެ ކިޔެވުން ވެސް ހުއްޓާލާށެވެ. އޭރު އެ ސާޖަރީ ކުރީ ވެސް އޭނާގެ މައިންބަފައިންގެ ނުގަބޫލުގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ވޭންގްއަށް ގުނަވަންތައް ގަންނަން މީހުންނާ ބައްދަލުވެފައި ވަނީ އިންޓަނެޓް މެދުވެރިކޮށެވެ.

އޭގެ އަހަރެއް ފަހުން، 2012 ވަނަ އަހަރު ވޭންގްގެ ކިޑްނީ ގަތް މީހުން ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ. އަދި އެ ވިޔަފާރިއާއި ގުޅުން ހުރި އިތުރު ނުވަ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުން ވެސް ހިމެނެ އެވެ.

ވޭންގް އައިފޯނު ގަތީ ރައްޓެހިންނަށް ދައްކާލައި، ފޮނިކަނޑާލުމުގެ ބޭނުމުގަ އެވެ. ކުޑަ ދުވަސްކޮޅެއްގެ އުފާވެރިކަމަށްފަހު މިހާރު މިވަނީ މުޅި އުމުރު ބަލި އެނދުގައި ހޭދަކުރަންޖެހިފަ އެވެ.