އިންޑިއާގެ ފިލްމީ މަސައްކަތް ފެށިގެން އައި ގޮތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.
މިފިލްމު އުފެއްދުމުގެ މަސައްކަތް ކުރަނީ "ބާހޫބަލީ" އަދި "އާރްއާރްއާރް"ފަދަ ފިލްމުތައް އުފެއްދި މަޝްހޫރު ޑައިރެކްޓަރު އެސް އެސް ރާޖަމޯލީ އެވެ.
"މޭޑް އިން އިންޑިއާ" ގެ ނަމުގައި ހަދާ މިފިލްމަކީ އިންޑިއާ ސިނަމާގެ "ބައްޕަ"ގެ ގޮތުގައި މަޝްހޫރު ނުވަތަ އިންޑިއާގައި އެންމެ ފުރަތަމަ ފިލްމެއް އުފެއްދި މީހާ ކަމަށްވާ ދާދާސަހެބް ޕަލްކޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މިފިލްމު ޑައިރެކްޓް ކުރަނީ ގައުމީ އެވޯޑް ހޯދާފައިވާ ނިތިން ކައްކަރު އެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ވަރޫން ގުޕްތާ އާއި އެސް އެސް ކަރްތިކިއާ އެވެ.
ރާޖަމޯލީ ވަނީ އެ ފިލްމު ރަސްމީކޮށް އިއުލާންކޮށް، އެފިލްމުގެ ފަސް ލުކް ދައްކާލާފަ އެވެ.
ރަޖަމޯލީ ބުނީ ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ ނެރޭޝަން އަޑު އަހާފައި އޭނާ ވަގުތުން ޖަޒުބާތީ ކޮށްލި ކަމަށެވެ. އަދި ބަޔޮޕިކް ފިލްމެއް ހެދުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް، އެ ފިލްމުގެ ވަރުގަދަ ޓީމެއް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އެ ފިލްމުގެ ކާސްޓާއި އިތުރު ތަފުސީލު އަދި އާންމެއް ނުކުރެ އެވެ.
އިންޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ރާޖާ ހަރިޝްޗަންދުރަ"، ދާދާސަހެބް ހެދީ 1913 ވަނަ އަހަރުގަ އެވެ. އެއީ ސައިލެންޓް ފިލްމެކެވެ. އިންޑިއާ ސިނަމާގެ ފެށުމުގެ ގޮތުގައި ބަލަނީ އެއީ ކަމަށެވެ
އިންޑިއާ އަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން ފިލްމު އުފައްދާ ގައުމެވެ. ހޮލީވުޑް ފިޔަވައި ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމު އިންޑަސްޓްރީ އަކީ ބޮލީވުޑެވެ.
ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ސިނަމާގެ އުފެއްދުންތަކަކީވެސް މިހާރު ބެލުންތެރިންގެ މެދުގައި މަގުބޫލު އުފެއްދުންތަކެވެ.