ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީ އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރާ ގުޅޭގޮތުން ބަލަނީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 41 ވަނަ މާއްދާއާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގަތް ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

ފާތިމަތު ފަރުހީޒާއާ ގުޅޭގޮތުން ބަލަނީ ސ. ފޭދޫ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލާގައި ހިމެނޭ ޚަސްމަކާ ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން ފާތިމަތު ފަރުހީޒާ ހުންނެވީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގަ އެވެ.

މީގެއިތުރުން ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގުގެ މައްސަލައެއް ބެލުމަށް ނިންމާފައިވެ އެވެ. އޭނާއާ ގުޅޭގޮތުން ބަލާ މައްސަލަ އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން މީހެއްގެ ބަންދު މުރާޖައާ ނުކޮށް އަހަރެއް ވަންދެން ބޭއްވި މައްސަލަ އާއި އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްވެފައިވާ މައްސަލަ ކަމަށް ޖޭއެސްސީން ބުންޏެވެ.