ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބައްދަލުކުރައްވައިފި އެވެ.

ސިޔާސީ ހިޔާލު ތަފާތުވެ ގުޅުން ގޯސްވެފައިވަނިކޮށް މި ދެބޭފުޅުން މިއަދު ބައްދަލުކުރައްވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ނަޝީދު ހުށަހަޅުއްވައި، މަޖިލީހުގައި އެ މަސައްކަތް ހިނގަމުން އެބަދެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ ކޮން ބޭނުމަކު ކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ އެންމެ ބޮޑަށް ގުޅުން ގޯސްވީ ރައީސް ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރު މެއި 6 ވަނަ ދުވަހު މަޖީދީމަގުގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއަށްފަހު އެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކޮށް ބަލިވުމުން ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައިފަ އެވެ. އެ ބުރުގައި އެ ޕާޓީން ވާދަކުރި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،000 ހާހެއްހާ ވޯޓެވެ.

https://www.tiktok.com/@hurihaa/video/7282258150806293768

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީ އާއި ޕީޕީއެމްއަށް އެތައް ޝަރުތުތަކެއް ހުށަހެޅުމަށްފަހު އެ ދެ ޕާޓީން ވެސް އެދެވޭ ޖަވާބެއް ނުދިނުމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ދަ ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ހަފުތާގެ ފަހުކޮޅު ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނީ. ފޮޓޯ: އަދަދު

ރައީސް ސޯލިހު ނަޝީދާ ބައްދަލުކުރައްވާއިރު، އެ މަނިކުފާނު ގެންދަވަނީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނަ ލިބިވަޑައިގަތުމުން ރައީސް ސޯލިހު ވަނީ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްއާއެކު ކޯލިޝަން ހެދުމަށް ވެސް މަޝްވަރާކުރައްވައިފަ އެވެ. ނަމަވެސް އެ ދެ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ރަސްމީކޮށް ތާއީދު ނުކުރުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ރައީސް އޮފީހަށް ވަޑައިގަންނަވަނީ.