ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހިންގި އުދުވާނެއްގައި ފަލަސްތީނުގެ ދެމީހުން މަރާލައިފި އެވެ.

މި ހާދިސާ ހިނގީ ވެސްޓް ބޭންކުގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލް ސިފައިން ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގަ އެވެ.

އިޒްރޭލްގެ ސިފައިންގެ ފަރާތުން ބުނި ގޮތުގައި އެމީހުން ކުރި ކަމަކީ ޓެރަރިޒަމާ ދެކޮޅަށް ތަންތަން ބަލައި ފާސްކުރުމެވެ. އެގޮތުން ސަވައިލެންސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ވަނީ ތަޅައި ސުންނާފަތިކޮށްފައި ކަމަށް ވެސް ބުންޏެވެ.

އިޒްރޭލްގެ ދިފާއީ އިދާރާއިން ބުނިގޮތުގައި ހަލާކުކޮށްލި އިމާރާތުގައި ކޮމްޕިއުޓަރުތަކާއި ސަވައިލެންސް ކެމެރާތަކާއި ގޮވާއެއްޗެހި ވެސް ހުއްޓެވެ. އިޒްރޭލުން ބުނިގޮތުގައި އެ ގައުމުގެ ސިފައިން މަރާލި ފިރިހެނަކީ އެމީހުންނަށް ހަމަލާދޭން އުޅުނު މީހެކެވެ.

ހަމާސް އިން ވަނީ މަރުވި 21 އަހަރުގެ އުލްދު އުސައިދު އަބޫ އަލީއަކީ އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފީގެ މެންބަރެއް ކަމަށް ބުނެފަ އެވެ.

އިޒްރޭލް ސިފައިން މަރާލި ދެވަނަ މީހާ ކަމަށްވާ 32 އަހަރުގެ އަބްދުއްރަހުމާން އަބޫ ދައްޣާސްގެ އާއިލާއިން ބުނިގޮތުގައި އަބްދުއްރަހުމާނު އޭނާގެ ގޭގެ ފުރާޅު މައްޗަށް ބޯ ދިއްކޮށްލީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ބޭނުމުގަ އެވެ. އެ ވަގުތު އިޒްރޭލްގެ ސިފައިންގެ ސްނައިޕަރެއް އޭނާ މަރާލީ އެވެ.

އޭނާގެ ބޭބެ މުއުމިން އަބޫ ދައްޣާސް ބުނިގޮތުގައި އަބްދުއްރަހުމާން ފުރާޅަށް އެރީ އެހިސާބަށް އެމްބިއުލާންސް އައި އަޑަށް ވާނުވާ ބެލުމުގެ ބޭނުމުގަ އެވެ. އެކަމަކު އޭނާއަށް ކިރިއާ ފުރާޅަށް އެރުނުތަނާ ސްނައިޕަރުގެ ހަމަލާ އަމާޒުވި އެވެ.

މުއުމިން ބުނި ގޮތުގައި އޭނާގެ ބޭބެއާ ކޭމްޕްގައި ހިނގި ހާދިސާއަކާ އެއްވެސް ގުޅުމެއްނެތެވެ. އިޒްރޭލް ސިފައިން މިކަމާމެދު ވަކި އެއްޗެއް ނުބުނެ އެވެ.

ވެސްޓް ބޭންކްގެ ކޭމްޕްތައް ބަލައި ފާސްކުރުމާއި ތަންތަން ތަޅާ ސުންނާފަތިކުރުމުގެ ހަރަކާތްތައް އިޒްރޭލުން ހިންގަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ފަލަސްތީނުގެ އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ.