ކޮވިޑްގެ ހާލަތުގައި ދިވެހީންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.

އަލަށް އެކުލަވާލި އުސޫލުގައިވެސް ކުރިއެކޭ އެއްފަދައިން އުމްރާގެ އަޅުކަން އަދާކުރަން ދެވޭނީ އެކަމަށް އޮންނަ އުސޫލުތަކާ އެއްގޮތަށް، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް ރިޒަވޭޝަން ހައްދައިގެންނެވެ.

އެ އުސޫލުގައި ހިމެނޭ އިތުރު ކަންތައްތަކަކީ:

ރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް19އަށް ނެގެޓިވް ޓެސްޓް ސެޓްފިކެޓެއް އޮތުން.

އުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަ ދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން.

ސައުދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު، އުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީން ވުން.

ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވައިދުގައިވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް މި ހާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށް.

އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފެށިގެން އެނބުރި ގައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން.

ކޮވިޑްގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހީންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސައުދީގެ ހާރިޖީ ވަޒީރާއި އަދި ސައުދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފަ އެވެ.