އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ބޭނުންކުރާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި، މާލެއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް، މިއަދު ހެނދުނު ފުރުވާލާފައިވާ ކަމަށެވެ. މާލެ އަތޮޅުގެ ހުރިހާ ރަށަކަށް މިތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ހުކުރު ދުވަހު ވޯޓު ފޮށިތައް ފޮނުވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތައްވެސް މިހާރު ފޮނުވަން ފަށާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން، އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވާއިރު ދެވަނަ ބުރަށް ވޯޓުލުމަށްޓަކައި 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.