އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް ސޯލިހު ނިންމެވީ، ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވެފައި، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ކަމަށެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ވެސް ދެ ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާ އެކު ކުރި ހޯއްދަވާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެ. ދެވަނަ ހޯއްދަވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.