ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ފަސްކުރަން ބޭނުންވާ ކަމަށް ވިދާޅުވެ، ދައުރުވަމުން އަންނަ އޯޑިއޯއަކީ ފޭކެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އޯޑިއޯގައި ވާހަކަ ދައްކާ ފަރާތުން ބުނަނީ ޔާމީނު މިނިވަންކުރުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފަހަށް، ފަސް ކުރަން ޖެހޭ ކަމަށެވެ. އޯޑިއޯ ދައުރުކުރަމުންދާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ވާހަކަ ދައްކާފައި ވަނީ މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތުގައެވެ.
ޔާމީނުގެ މައްސަލަ މަޑުޖައްސާލުމަށް އެކި ސަބަބުތައް ދެއްކިދާނެ ކަމަށް އޯޑިއޯގައި ވާހަކަ ދައްކާ ފަރާތުން ބުނެފައިވެއެވެ. އެގޮތުން ގާނޫނު އޮތް ގޮތުން އެކަން ކުރެވެން ނެތުމާއި އާ ގާނޫނެއް އޮތުމުގެ މުހިންމު ކަން ފާހަގަ ކުރި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މިހާރު ނެތުމަކީ ވެސް ޔާމީން މިނިވަން ކުރަން ފަސް ކުރެވޭނެ ކަމެއް ގޮތުގައި އެމީހާ ބުންޏެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ %100 ފޭކެއް ކަމަށެވެ. އަދި ވާދަވެރިން އެންޓި ކެމްޕެއިން ކުރުން ނޫން ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"100% ފޭކް. އަޅުގަނޑު ތިކަހަލަ އެއްވެސް އެއްޗެއް، އެއްވެސް ތަނަކު ނުބުނަން. ނުވެސް ބުނާނަން. އެންޓި ކެމްޕެއިން ކުރުން ނޫން ކަމެއް ކުރާކަށް ނޭނގޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ކެމްޕެއިންގައި ބާއްވާ ކޮންމެ ޖަލްސާއެއްގައި ފާހަގަ ކުރައްވާ އެއް ކަމަކީ، އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރައްވާނެ ވާހަކައެވެ.