ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއް ޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައިފަ އެވެ. އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައި ވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރްޙަލާގައި، ވީހާވެސް އޮމާންކަމާ އެކު ކަންކަން ކުރިއަށް ގެންދެވުމަށް ހާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާ އަދި ވަކިން ހާއްސަކޮށް، ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ދުވަސްވަރާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސް ދެއްކެވި ނަމޫނާ ލީޑާޝިޕް ފާހަގަކުރައްވައި، އެކަމަށްޓަކައި ވެސް ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވި އެވެ.