ސަލްމާން ޚާންއަކީ އޭނާގެ އެކްޝަން ފިލްމުތަކާއި ފިޓް ހަށިގަނޑުގެ ސަބަބުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފަންނާނެކެވެ.

އެހެން ނަމަވެސް ދާދި ފަހުން އާއްމުވި ސަލްމާންގެ ވީޑިއޯއަކާއެކު އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ ސަލްމާންގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މުމްބާއީގައި އޮތް ކައިވެނި ހަފްލާއެއްގެ ތެރޭގައި ނެށުމުގެ އައިޓަމެއް ހުށައަޅައިދެނިކޮށް ނަގާފައިވާ އެ ވީޑިއޯގައި ސަލްމާން ފެންނަނީ ވަރަށް ވަރުބަލި ކޮށެވެ.

އެއާއެކު އޭނާގެ ސިއްހަތާމެދު ކަންބޮޑުވެ ގިނަ ބަޔަކު އަންނަނީ އިންޓަނެޓުގައި ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން ސަލްމާން "އަންފިޓް" ކަމަށާއި އޭނާގެ ސިއްހަތަށް ސަމާލުވާންޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމީ ހަޔާތަށް ބަލާއިރު ސަލްމާން ވަނީ ބޮލީވުޑްގައި އޭނާ މަސައްކަތް ކުރާތާ 35 އަހަރު ފުރުން ދާދި ފަހުން ފާހަގަ ކޮށްފަ އެވެ.

އޭނާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާތަކަށް ނުކުންނާނީ އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޓައިގާ 3" އެވެ.