ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވީ ރަސްމާލެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ. އެއީ 62 ޕަސެންޓެވެ. ޖުމްލަ ހިއްކަން ނިންމާފައި ވަނީ 1,150 ހެކްޓަރެވެ.

މިހާތަނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށަކީ ލ. ގަމެވެ.

ރަސްމާލެ ހިއްކުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ރަސްމާލޭގެ ފަސް ސައިޓެއް ހިއްކުމުގެ މަސައްކަތާ ހަވާލުވި ޗައިނާގެ ސީއާރުސީސީ ކުންފުނިން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާއަށްވުރެ ގިނައިން ފައިސާ ދޫކުރަން އެޗްޑީސީން ނިންމާފައިވާތީ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އޭސީސީގެ ރައީސް އާދަމް ޝާމިލްއަށް ފޮނުއްވި ސިޓީގައި، އެޗްޑީސީން ހެދި މިނިވަން އިވެލުއޭޝަން ރިޕޯޓަކާ ހަވާލާދީ ވިދާޅުވެފައި ވަނީ ސީއާރްސީސީން ކޮށްފައިވާ 6.7 މިލިއަން ޑޮލަރުގެ މަސައްކަތަށް 9.4 މިލިއަން ޑޮލަރު ދޫކުރަން އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މިއީ އެ ކުންފުންޏަށް ނާޖާއިޒް މަންފާއެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ސީއާރްސީސީއަށް ފައިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް ނާޒިލް ވަނީ އެދިވަޑައިގެންފަ އެވެ.

އެޗްޑީސީއާއި ސީއާރުސީސީއާ ދެމެދު ސާވޭއާއި ޑިޒައިނުން ފެށިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ސޮއިކުރީ 265.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގަ އެވެ. އެއީ ތިން ބަޔަކަށް ބަހާލައިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވެފައިވާ އެއްބަސްވުމެކެވެ. މީގެ ތެރެއިން ސައިޓް އޭ، ބީ، އެޗް، އައި، އަދި ކޭ ހިއްކަން ސީއާރުސީސީއާ ހަވާލުކުރިއިރު، ސައިޓް ޑީ، ޖީ، އަދި އެލް ހިއްކަން ހަވާލުކުރީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ އެވެ.

އެނގިފައިވާ ގޮތުގައި، އެޗްޑީސީއާއި ސީއާރުސީސީއާ ދެމެދު މިހާރު ދަނީ އެއްބަސްވުން ބާތިލުކުރުމުގެ މަޝްވަރާތައް ކުރެވެމުންނެވެ. އެ މަޝްވަރާތަކުގައި އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ އެޑްވާންސަށް ދިން 13.2 މިލިއަން ޑޮލަރުގެ ތެރެއިން ކޮށްފައިވާ މަސައްކަތުގެ އަގު ކެނޑުމަށްފަހު ބާކީ ފައިސާ އަނބުރާ ހޯދުމަށެވެ.