2015 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ސޫރަޖް ޕަންޗޯލީއަކީ އެ ދުވަސްވަރު އެންމެ އުޖާލާ މުސްތަގްބަލެއް އޮތް ޒުވާން ފަންނާނެއްގެ ގޮތުގައި ބެލެވުނު ތަރިއެކެވެ.

އެހެން ނަމަވެސް ކަންތައްތައް ބަދަލުވީ 2013 ވަނަ އަހަރު އަމިއްލައަށް މަރުވި ޖިއާ ޚާންގެ މަރުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާން ފެށުމުންނެވެ.

2013 ވަނަ އަހަރު ޖިއާ ދަންޖެހިފައި ހުއްޓާ ފެނުނުއިރު އޭނާ އުޅުނީ ސޫރަޖްއާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އޭނާގެ ސުއިސައިޑް ނޯޓުގައި އަމިއްލައަށް މަރުވާން ނިންމީ ލޯބިވެރިޔާގެ ސަބަބުން ކަމަށް ޖިއާ ބުނެފައިވެ އެވެ.

އެ މައްސަލާގައި ސޫރަޖް ހައްޔަރު ކުރެވި 10 އަހަރުގެ ކޯޓު މައްސަލައަށްފަހު މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ އެ ހުރިހާ ދައުވާތަކަކުން ސަލާމަތްވެފަ އެވެ.

މިހާރު އޭނާގެ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޫރަޖް ބުނީ އޭނާ އުޅެނީ މީހަކާ ރައްޓެހިވެގެން ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުން ދުވަހަކުވެސް އޭނާގެ މާޒީއާއި ޖިއާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިނުވާ ކަމަށް ސޫރަޖް ބުންޏެވެ.

"އަހަރެމެން އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަން. އޭގެ ބޭނުމެއްވެސް ނެތް. މީހަކާ ގުޅުމުގެ ބޭނުމަކީ މާޒީ ހަނދާން ނައްތާލުން" ސޫރަޖް ބުނެފައިވެ އެވެ.

ސޫރަޖް ބުނެފައިވަނީ އޭނާއާ ބެހޭ ގޮތުން މީހުން ދެކޭ ގޮތް އޭނާއަށް ބަދަލު ނުކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތް ވެސް ނުކުރާ ކަމަށެވެ.

މިހާރު އޭނާގެ އަމާޒަކީ އޭނާގެ ކެރިއަރު އަލުން ބިނާކުރުން ކަމަށާއި މިއަހަރު ތެރޭގައި ދެތިން އުފެއްދުމަކުން އޭނާ ފެންނާނެ ކަމަށް ވެސް ސޫރަޖް ބުންޏެވެ.