ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާންއަށް މަރުގެ އިންޒާރުތަކެއް ލިބުމާއެކު މުމްބާއީގެ ސަރަހައްދީ ސަރުކާރުން އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްދީފި އެވެ.

ޝާހުއަށް މަރުގެ އިންޒާރުތަކެއް ލިބިފައިވާކަން އާއްމުވެފައިވާއިރު ސަރުކާރުން އޭނާއަށް ދީފައިވަނީ ވައި ޕްލަސް ލެވެލްގެ ސެކިއުރިޓީ އެވެ. މިއީ އިންޑިއާގެ މަޝްހޫރު ޝަހްސިއްޔަތުންނަށް ދޭ ދެވަނަ ދަރަޖައިގެ ސެކިއުރިޓީ އެކެވެ.

މި ދަރަޖައިގެ ސެކިއުރިޓީގައި ހަ ކޮމާންޑޯގެ އިތުރުން ހަތަރު ފުލުހުންނާއި ޓްރެފިކް ކްލިއަރެންސް ވެހިކަލެއް ހިމެނެ އެވެ. މީގެ އިތުރުން މުމްބާއީގެ ފުލުހުން އަންނަނީ ޝާހްރުކްގެ ގެ "މަންނަތު"ގެ ސެކިއުރިޓީ އޭކޭ 53 ރައިފަލްއާއެކު ބަލަހައްޓަމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި ޝާހުއަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޖަވާން"އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.

މި އިންޒާރުތަކާއެކު ޝާހްރުކްގެ ފެނިލުމަކަށް އޭނާގެ ގޭގެ ބޭރުގައި މަޑުކޮށްގެން ތިބޭ އެތައް ހާސް ބަޔަކަށް އެ ފުރުސަތު ވަނީ ގެއްލިފަ އެވެ. މިހާރު އެ ސަރަހައްދުގައި އެއްވެސް މީހަކަށް މަޑެއް ނުކުރެވޭނެ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ތަރިންނަށް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އެގޮތުން ސަލްމާން ޚާންއަށް ލިބުނު އިންޒާރާއެކު އޭނާއަށް ވަނީ ޒެޑް ޕްލަސް ސެކިއުރިޓީ ދީފަ އެވެ.