އިޒްރޭލް ސިއްސުވާލައި ހަމާސް އިން ފެށި ހަނގުރާމައިގައި އެ ޖަމާއަތް އޮތީ ދިގު ހަނގުރާމައަކަށް ތައްޔާރުވެފައި ކަމަށް ހަމާސް އިން ބުނެފި އެވެ.

ހަމާސްގެ އިސް މެންބަރުން ބުނާ ގޮތުގައި އެމީހުން ހިފަހައްޓާފައިވާ އިޒްރޭލްގެ ގައިދީން ބޭނުންކޮށްގެން އިޒްރޭލްގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އާންމުންނާއި ހަމާސްގެ އިސް ފަރާތްތައް ސަލާމަތް ކުރާނެ އެވެ.

ބޭރޫތުގައި ދިރިއުޅުއްވާ ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ އަލީ ބަރަކާ އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަމާސްގެ އަތުގައި ދިގު ދެމިގެންދާނެ ހަނގުރާމައަކަށް ބޭނުންވާނެ ހަތިޔާރު އެބަހުރި ކަމަށެވެ.

"އަހަރެމެން މިތިބީ މި ހަނގުރާމައަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ހަނގުރާމަ ދިގު ދެމިގެން ދިއުން ފަދަ ކޮންމެ ހާލަތަކަށް ވެސް ހަމާސް އޮތީ ތައްޔާރަށް،" ބަރަކާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހައްޔަރު ކޮށްފައިވާ މީހުންގެ ބޭނުންކޮށްގެން އިޒްރޭލްގައި ހިފަހައްޓާފައިވާ ފަލަސްތީނު މީހުންގެ އިތުރުން އެމެރިކާގެ ޖަލުގައިވާ ބައެއް ފަލަސްތީނު މީހުން ވެސް ސަލާމަތް ކުރުމަކީ އެމީހުންގެ އުންމީދެވެ.

ހަމާސް އާއި އިޒްރޭލްގެ ހަނގުރާމަ ހޫނުވެފައިވާއިރު އިޒްރޭލް ސިފައިން ވަނީ ތިންލައްކަ ސިފައިންނާއެކު ގާޒާ ވަށާލައިފަ އެވެ. އެ ސަރަހައްދަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ ތަކެތި ވަންނާނެ ހުރިހާ މަގެއް ބަންދުކުރުމަށް ފަހު އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ.

ހަމާސް އިން ވަނީ އިންޒާރު ދިނުމެއް ނެތި އާންމުންނަށް ބޮން އަޅާނަމަ ބޮން އަޅާ ކޮންމެ ފަހަރަކު ލައިވް ޓީވީގައި ރަހީނަކު ގަތުލު ކުރާނެކަމުގެ އިންޒާރު ދީފަ އެވެ.

އެސޯސިއޭޓް ޕްރެސް އަށް ބަރަކާ ވިދާޅުވިގޮތުގައި ހަމާސްއިން ދިން ކުއްލި ހަމަލާގެ މައުލޫމާތު ހަމައެކަނި ދީފައި ވަނީ ގާޒާގައި ތިބި ވަރަށް އިސް ކޮމާންޑަރުން ކޮޅަކަށް އެކަންޏެވެ. ހަމާސްގެ އެންމެ ގާތް އެކުވެރިންނަށް ވެސް ހަމަލާދޭނެ ދުވަހަކާ ބެހޭ މައުލޫމާތު ދީފައެއް ނުވެ އެވެ.

އީރާނުން މި ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާކުރި ވާހަކަ ވެސް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ. އެހެން ނަމަވެސް ހަނގުރާމާގައި ގާޒާ ނައްތާލަން އިޒްރޭލް ހިފައިފިނަމަ އީރާނާއި ހިޒުބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް ވެސް ބުންޏެވެ.

އިޒްރޭލުން ވަނީ ހިޒުބުﷲ ހަނގުރާމައިގައި ބައިވެރިވެއްޖެ ނަމަ އެމެރިކާގެ މަނަވަރުތައް ބޭނުން ކޮށްގެން ދިމިޝްގެ އެއްކޮށް ފުނޑުފުނޑު ކޮށްލާނެ ކަމަށް އިންޒާރު ދީފަ އެވެ. އެމެރިކާގެ އެންމެ ބޮޑު ހަނގުރާމަ މަތީ މަނަވަރު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވައިފި އެވެ.