ހީލިއަމް ފުއްޕާހަމަކީ މިއަދު ދިވެހިން ވެސް އެކި ހަފްލާތަކުގައި ބޭނުން ކުރަމުން އަންނަ ވައްތަރެއްގެ ފުއްޕާހަމެކެވެ. މިއީ ބަލާލަން ރީތި މަންޒަރު ފުރިހަމަކޮށްދޭ ފުއްޕާހަން ތަކެކެވެ.

އެހެން ނަމަވެސް މިވައްތަރުގެ ފުއްޕާހަމުގެ ނުރައްކާތެރިކަން ގިނަ ބަޔަކަށް އޮތީ ނޭނގި އެވެ. އެފަދަ ހާދިސާއެއްގައި އެމެރިކާއަށް ނިސްބަތްވާ އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ.

އެހެން މައިންނެކޭ އެއްގޮތަށް ޗަންނާ ކެލީ ވެސް އޭނާގެ ދަރިފުޅު އެލެކްސެންޑްރާ (އެލެކްސް)އަށް ހީލިއަމް އަޅާފައިވާ 7 ނަމްބަރު ފުއްޕާހަމެއް ގަނެދިނީ އުފަންދުވަހު އެލެކްސް އުފާކޮށްދޭށެވެ. އެއާއެކު ލޭޓެކްސް ފުއްޕާހަން ތަކެއްވެސް އޭނާ ގަތެވެ.

ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު އެލެކްސްގެ އުފަންދުވަސް ފާހަގަކޮށް ނިމި ދެތިން ދުވަސް ފަހުން އޭނާ ކެލީގެ ކައިރިން އެދުނީ ފުއްޕާހަން ފެޅުމުގެ ހުއްދައަށެވެ. މާ ބޮޑު ވިސްނުމަކާނުލާ ކެލީ އެކަމަށް ހުއްދަވެސް ދިނެވެ.

އެހެން ނަމަވެސް އޭގެ ކުޑައިރު ކޮޅެއް ފަހުން ކެލީއަށް ފެނުނީ އޭނާގެ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑެވެ. ބޮލުގެ ވަށައިގެން ހީލިއަމް އެޅި ފުއްޕާހަން ތަތްވެފައި އޮތެވެ.

ވަގުތުން ސީޕީއާރް ދީ އެލެކްސްގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރެވުނު ނަމަވެސް އެ މަސައްކަތްތައް ކާމިޔާބު ނުވެ އެ ތުއްތު ކުއްޖާގެ ފުރާނަ ގެއްލުނީ އެވެ.

އެލެކްސް މަރުވި ސީދާ ސަބަބު އަދި ނޭނގުނު ނަމަވެސް ބޮޑަށް ބެލެވެނީ އޭނާ މަރުވީ ހީލިއަމް ނޭވާލާ ނިޒާމުގެ ތެރެއަށް ވަދެ ވިހަ ވެގެން ކަމަށެވެ. އެކަމުގެ ޓެސްޓުތައް ދަނީ ކުރިއަށެވެ.

އެހެން ކަމުން ހީލިއަމް ފުއްޕާހަން ގެންގުޅުމުގައި ސަމާލުވާން މިވަނީ ޖެހިފަ އެވެ. އެ ފަދަ ފުއްޕާހަންތަކާއެކު ކުޑަކުދިން އެކަނި ދޫކުރުން ރަނގަޅެއް ނޫނެވެ.