ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 4.72 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލާގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި ތަކެތި އަތުލާގެންފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެ އައި 20 އަހަރުގެ އަންހެނެއްގެ ލަގެޖުން ކަމަށެވެ. އެގޮތުން، އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބެލި ބެލުމުން، އެ ދަބަހުގައި މަސްތުވާތިކަމަށް ތުހުމަތު ކުރެވޭ ޕެކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. މި މައްސަލާގައި އަތުލާގެންފައިވާ މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރުމަށް މަސައްކަތްކުރި އަންހެން މީހާ ކަސްޓަމްސްއިން ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.