އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިގެން މި ނުކުންނަނީ ކުރިއަށް އޮތް 10 އަހަރު ވެސް ރާއްޖޭގެ ވެރިކަނަށް ކުރަން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ. އޭނާ ނުސީދާކޮށް އެ އިޝާރާތް ކުރެއްވީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީނަށް އެ ބޭފުޅުންގެ ތާއީދު ނެތްކަމުގެ ވާހަކަ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުކޮށްފައިވާ ޑރ. މުހައްމަދު މުއިއްޒު ގޮވައިގެން މި ނުކުންނަނީ ކުރިއަށް އޮތް 10 އަހަރު ވެސް ރާއްޖޭގެ ވެރިކަަން ކުރަން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އަމާޒަކީ ކާމިޔާބު ފަސް އަހަރަށް ފަހު އިތުރު ފަސް އަހަރަށް މުއިއްޒު މި ރާއްޖޭގެ ވެރިކަމަށް ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންނެއް ނުތިބޭނަން މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އހަރަށް ކުރިމަތިލައިގެން ތިމަންނަމެން ފުރަތަމަ ފަސް އަހަރަށްވީ ވައުދުތައް ފުއްދަން އިތުރު ފަސް އހަަރު ދޭށޭ ބުނާކަށް. އަޅުގަނޑުމެން ޑރ. މުއިއްޒު ގޮވައިގެން މި ނުކުންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަށް ޑރ. މުއިއްޒާ އެކީގައި ކެމްޕޭނަށް ދާނީ އަޅުގަނޑުމެންވީ ވައުދުތައް ފުއްދާފައި،" އިންތިގާލީ މަރުހަލާގެ ޑީޖޭގެ ހައިސިއްޔަތުން އަބްދުއްރަހީމް ދެއްވި ފުރަތަމަ ޕްރެސްގައި ވިދާޅުވި އެވެ. "މަލްޓި ޕާޓީ ޑިމިްރެސީ އައި ފަހުން ފަސް އަހަރުން ފަސް އަހަރުން ސަރުކާރު ބަދަލުވަމުން މިދަނީ. ރާއްޖެ ކަހަލަ 180 ރަށެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއްގައި ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ފަސް އަހަރު މަދު. އެއް ސަރުކާރެއް، އެއް ވިސްނުމެއް، އެއް ފިކުރެއް 10 އަހަރަށް ދެމިގެން ދިޔައީމާ ރައްޔިތުން ބޭނުންވާ ކާމިޔާބު ހާސިލް ކުރެވޭނީ."

"އަޅުގަނޑުމެންނެއް ނުތިބޭނަން މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އހަރަށް ކުރިމަތިލައިގެން ތިމަންނަމެން ފުރަތަމަ ފަސް އަހަރަށްވީ ވައުދުތައް ފުއްދަން އިތުރު ފަސް އހަަރު ދޭށޭ ބުނާކަށް. އަޅުގަނޑުމެން ޑރ. މުއިއްޒު ގޮވައިގެން މި ނުކުންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަށް ޑރ. މުއިއްޒާ އެކީގައި ކެމްޕޭނަށް ދާނީ އަޅުގަނޑުމެންވީ ވައުދުތައް ފުއްދާފައި،"
އަބްދުއްރަހީމް

އަބްދުއްރަހީމް އެ އިޝާރަތް ކުރެއްވީ 2028 ވަނަ އަހަރު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމަށް އެބޭފުޅުންގެ ތާއީދު ނެތް ކަމުގެ ވާހަކަ އެވެ.

މީގެ ފަސް އަހަރު ފަހުން އޮންނަ ރިޔާސީ އިންތިޚާބެއްގައި ރައީސް ޔާމީން އާއި ޑރ. މުއިއްޒު ޕްރައިމަރީއަކަށް ނުކުމެވަޑައިގެންފި ނަމަ އަބްދުއްރަހީމް ތާއީދު ކުރައްވާނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ އެ ހާލަތުގައި އޭނާ ތާއީދު ކުރާނީ މުއިއްޒަށްތޯ ޔާމީނަށްތޯ އެއީ މިއަދު ޖަވާބު ދޭން ޖެހޭ ސުވާލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ކުރައްވާ ވެރިއަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުމިއްޔާ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވިދާނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމަކީ ކުރިން ރައީސް ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ވަރަށް އަރިސް ބޭފުކެވެ. މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހުމުން، ވަރަށް ބޮޑަށް އިތުބާރު ކުރައްވައި، ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ރައީސް ޔާމީން ހަވާލުކުރައްވާފައި ވަނީ އަބްދުއްރަހީމަށެވެ. އެހެން ނަމަވެސް އަބްދުއްރަހީމްގެ މިހާރުގެ ވާހަކަތަކުން ދޭހަވަނީ ރައީސް ޔާމީން ދޫކުރައްވައި އޭނާ މިހާރު ހުންނެވީ ވަރަށް ބޮޑަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ފަޅީގައި ކަމަށެވެ.