ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތް ކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތްކޮށްފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 900،682 ފަތުރުވެރިންނެވެ.

ހައި ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި ޑިސެމްބަރު މަހާ ހަމައަށް ދާއިރު، ފަސް އަހަރުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާނެ އެވެ.

މި ފަސް އަހަރުގެ ތެރޭގައި އެންމެ ގިނަ އިން އިންޑިއާ އިން ފަތުރުވެރިން ރާއްޖެ އައީ 2021 ގައެވެ. އެ އަހަރު ޒިޔާރަތްކޮށްފައި ވަނީ 2،91،787 ފަތުރުވެރިންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ކަރަންޓީނު މުއްދަތުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވެ އެވެ.

އިންޑިއާ އިން އެންމެ މަދުން ފަތުރުވެރިން އައީ 2020 ވަނަ އަހަރެވެ. ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވި އެ އަހަރުގައި 62،920 މީހުން ރާއްޖެ އައިސްފައިވެ އެވެ.

އިންޑިއާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ތަފާސްހިސާބުތައް:2019 - 1،66،030 ފަތުރުވެރިން2020 - 62،960 ފަތުރުވެރިން2021 - 2،91،787 ފަތުރުވެރިން2022 - 2،41،382 ފަތުރުވެރިން2023 - 1،47،523 ފަތުރުވެރިން

މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 1.8 ފަތުރުވެރިން ގެނައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،361،048 ފަތުރުވެރިންނެވެ. އަދި ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 130،967 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ.