އަކްޝޭ ކުމާރުއާއި ރަވީނާ ޓަންޑަންއަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ޖޯޑެކެވެ. އެ ޖޯޑަށް ގިނަ ބައެއްގެ ލޯބި ލިބުނުއިރު އެ ދެމީހުން އެކުގައި ފެނުނު ފިލްމުތައް ވަނީ ބޮކްސްއޮފީހުގައި ވެސް ކާމިޔާބު ފިލްމުތަކަކަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެކްޓިންއާ ދުރުގައި ހުރުމަށްފަހު ރަވީނާ އަލުން އެކްޓިންގެ ދާއިރާއަށް ނުކުމެފައިވާއިރު ބެލުންތެރިންގެ އެންމެ މަގުބޫލު ޖޯޑު މިވަނީ އަލުން އެކުގައި ފެންނަން ތައްޔާރުވެފަ އެވެ.

20 އަހަރަށްފަހު ކުރިއަށް އޮތް ފިލްމް "ވެލްކަމް ޓު ދަ ޖަންގަލް"ގައި ރަވީނާއާއެކު މަސައްކަތު ކުރުމާ ބެހޭ ގޮތުން އަކްޝޭ ވަނީ ވާހަކަ ދައްކާފަ އެވެ.

އެގޮތުން އަކްޝޭ ބުނީ ރަވީނާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ވަރަށް ދުވަހަށް ފަހު ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް ކެތް މަދުވެފައިވާ ކަމަށެވެ.

"މި ފިލުމުގައި ވަރަށް ރީތި ލަވަތަކެއް ހިމެނޭނެކަން ޔަގީން. "ޓިޕް ޓިޕް ބަރްސާ ޕާނީ"ގެ އާ ވާޝަންއެއް ވެސް" އަކްޝޭ ބުނެފައިވެ އެވެ.

"ޓިޕް ޓިޕް ބަރްސާ ޕާނީ"އަކީ އަކްޝޭއާއި ރަވީނާ އެކުގައި ފެނިގެންދިޔަ ފިލްމު "މޮހްރާ"ގެ ލަވަ އެކެވެ. އެއީ މިއަދާ ހަމައަށް ވެސް ޗާޓުތަކުން ޖާގަ ހޯދާ ލަވަ އެކެވެ.

ފިލްމީ މަސައްކަތްތަކުގެ އިތުރުން ވެސް އަކްޝޭއާއި ރަވީނާގެ ލޯބީގެ ވާހަކައަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަބަރުތަކެވެ. އެ ދެމީހުން އެކުގައި ފިލްމުތައް ކުޅުނުއިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އަޑުތައް އެރި އެވެ.