ބިމަށް ދަމާ ބާރު (ގްރެވިޓީ) ދެނެގަންނަން ސައިންޓިސްޓް އިސާކް ނިއުޓަންއަށް މަގުފަހި ކުރުވި ކަމަށް ބުނާ އާފަލު ގަހުން ދެލިފުޅިއެއް އުފައްދައިފި އެވެ.

އިސާކްގެ ނަމުން ނަން ދެވިފައިވާ އެ ގަސް މިދިޔަ އަހަރު އައި ތޫފާނެއްގައި ވެއްޓި ބިމާހަމަވެފައި ވާއިރު އެ ގަހުގެ ތޮށިގަނޑު ބޭނުންކޮށްގެން ދެލި އުފައްދާފައިވަނީ ކެމްބްރިޖްގެ އާޓިސްޓެކެވެ.

ކެމްބްރިޖް ޔުނިވާސިޓީގައި 1954 ވަނަ އަހަރު އިންދާފައިވާ އެ ގަހަކީ 1600ގެ އަހަރުތަކުގެ ތެރޭގައި އިސާކްއަށް ގްރެވިޓީ ދެނެގަންނަން މަގުފަހި ކުރުވި ގަހުގެ ކްލޯން އެކެވެ.

ނިއުޓަންގެ ޅަފަތުގެ ގޭގައި ހުރި ކަމަށް ބުނެވޭ އެ ގަހުގެ އަސްލު ވަނީ 20 ވަނަ ގަރުނުގެ ކުރީކޮޅު ބިމާހަމަވެފަ އެވެ. ކެމްބްރިޖްގައި ހުރި ގަހަކީ އެ ގަހުން ގޮފިކޮޅެއް ނަގައިގެން އިންދި ގަހެކެވެ.

2022 ވަނަ އަހަރު ގަސް ވެއްޓުނު ފަހުން އެ ގަހާމެދު ކަންތައް ކުރާނެ ގޮތެއް ނިމެންދެން އެ ވަނީ ޔުނިވާސިޓީގައި ރައްކާ ކުރެވުިފަ އެވެ.

އެންމެ ފަހުން އެ ޔުނިވާސިޓީގެ އާޓިސްޓެއް ކަމަށްވާ ނަބީލް އަލީ ވަނީ އެ ގަހުގެ ތޮށިން ދެލި އުފައްދައި އެ ދެލިން 68 އާފަލުގެ ކުރެހުމެއް ކުރަހާފަ އެވެ. އެއީ ގަސް ވެއްޓުމާ ހަމައަށް އެ ގަހުގެ އުމުރެވެ.

ބުނެވޭ ގޮތުގައި ނިއުޓަންއަށް "ގްރެވިޓީ"ގެ ތިއަރީ ދެނެގަނެވުނީ އޭނާގެ ގޭގައި ހުރި އާފަލު ގަހެއްގެ ދަށުގައި އިންދާ ވެއްޓުނު އާފަލެއް ޖައްވުގެ ތެރޭގައި އުދުހުމުގެ ތެރޭގައި ސީދާ ބިންމައްޗަށް ވެއްޓުމުންނެވެ.

އެކަމުން އޭނާއަށް ދޭހަވީ ދުނިޔޭގައި ބިމަށް ދަމާ ބާރެއް ހުންނަ ކަމެވެ. ބިމުގައި ހުރި ކޮންމެ އެއްޗެއް އެތަކެތީގެ ތަނުގައި ގުޑިނުލާ ހުރެވެނީ އެ ދަމާ ބާރުގެ ސަބަބުން ކަމެވެ.