ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ކީރިތި ގުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ދިވެހިންނަށް ހަދިޔާ ކުރައްވައިފި އެވެ.

ކީރިތި ގުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހި ބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިއާޔަތް ކޮށް، ސައުދީ އަރަބިއްޔާ އިން ނެރެފައިވާ އައްތަފްސީރުލް ވާޟިހުލް މުޔައްސިރު ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިންނަށް ހަދިޔާ ކުރެއްވި ކަން ގާސިމް އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ފަސޭހަ ތަފްސީރް" ނަމުގައި އެކުލަވާލާފައިވާ މި ފޮތަކީ ހަ ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެއް ކަމަށެވެ. އަދި ﷲ ގެ އިރާދަފުޅުން ލަސްތަކެއް ނުވެ ޗާޕް ކޮށް ރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީ އެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިތުވި މަހުގެ 7 ވަނަ ދުވަހުގެ ރޭ މި ފޮތުގެ ޑެސްކްޓޮޕް ވާ ޝަންގެ ސޮފްޓް ލޯންޗިން ވާނީ އިފްތިތާހުކޮށްފަ އެވެ. އަދި އިއްޔެ ފާހަގަ ކުރި ރާއްޖެ އިސްލާމްވި ދުވަހު މި ފޮތުގެ ވެބްވާޝަން ފުރިހަމަކޮށް އާންމު ކުރެވުނީ ތީ ﷲ ތައާލާ އަށް ހަމްދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވަމެވެ." ގާސިމް އެކްސްގައި ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ އާއި ބެހޭ ވަޒީރުގެ މަގާމުގައި 1999 އިން 2005 އަށް ހުންނެވި އައްސައްޔިދު އިމާދު ބުން އަމީން މަދަނީ ކަމަށެވެ.