ދެ އަތްތިލައަކީ އާއްމު ދިރިއުޅުމުގައި އަހަރުމެން އެންމެ ގިނައިން ބޭނުންކުރާ އެއް ގުނަވަނަށް ހަމަގައިމުވެސް ވާނެ އެވެ. ދުވަހުގެ ހާޖަތްތައް ފުރިހަމަ ކުރުމުގައި އަތުގެ ބޭނުން ހިފާއިރު އަތްތިލައިގެ ސިއްހަތާމެދު ވިސްނާލެވެނީ ވަރަށް މަދުންނެވެ. މި ލިޔުމުގައި މި ބަލާލަނީ އަތްތިލައިގެ ސިއްހަތަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އަތް ދޮވުން

ދުވާލަކު މަދުވެގެން ތިން ފަހަރު ދެ އަތްތިލަ ދޮންނަންވާނެ އެވެ. ދޮންނައިރު ތާފަނާ ފެން ބޭނުން ކުރުމާއި މާ ބާރަށް ނުއުނގުޅުމަށް ސަމާލުކަން ދޭންވާނެ އެވެ. އޭގެ ބަދަލުގައި މަޑުމަޑުން ސައިބޯނި ލުމަށްފަހު 20 ސިކުންތު ވަންދެން ދޮވެލާށެވެ.

ފެނުގެ ހޫނުމިން

ފެންވެރުމާއި އަތް ދޮވުން ނޫނަސް އެކި ކަންކަމުގައި އަތުގައި ފެން ޖެހިދާނެ އެވެ. މިސާލަކަށް ތެލިތަށި ދޮވުމާއި އަންނައުނު ދޮވުމެވެ. ތަންތަން ފޮޅުމާއި ސާފު ކުރުމެވެ. މިކަންކަން ކުރުމުގައި ބޭނުން ކުރެވޭ ފެނަކީ އެކަށީގެންވާ ފިނިހޫނުމިނެއްގައި ހުރި ފެންތޯ ޔަގީންކުރަންވާނެ އެވެ.

މޮއިސްޗަރައިޒު ކުރުން

އޮމާން ސާފު އަތްތިލައަށްޓަކައި މޮއިސްޗަރައިޒް ކުރުމަކީ މުހިއްމު ކަމެކެވެ. ތާފަނާ ފެނުން ރަނގަޅަށް އަތް ދޮވެލުމަށްފަހު ތިމާގެ ހަންގަނޑާގުޅޭ މޮއިސްޗަރައިޒާއެއް ދެ އަތްތިލާގައި އުނގުޅާލާށެވެ. މިގޮތަށްް ކޮންމެ ދުވަހަކު އަމަލު ކުރާނަމަ އަތްތިލައިގެ ސިއްހަތު ރަނގަޅުވާނެ އެވެ.

އެކްސްފޯލިއޭޓް ކުރުން

މަދުވެގެން ހަފްތާއަކު އެއް ފަހަރު އެކްސްފޯލިއޭޓް ކުރުމަކީ އަތުގައި މަރުވެފައި ހުންނަ ހަންކޮޅުތައް ނައްޓައިދީ ސާފުކޮށްދޭނެ ކަމެކެވެ. މިކަމަށްޓަކައި ރެޑީ މޭޑް ސްކްރަބްއެއް ނުވަތަ ހަކުރާއި އޮލިވް އޮއިލް އެއްކޮށްގެން އަމިއްލައަށް ސްކްރަބްއެއް ހަދައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

އަންގި ބޭނުން ކުރުން

އާއްމު ދިރިއުޅުމުގެ އެކި ކަންކަމުގައި ކެމިކަލް ގެންގުޅެން ޖެހޭ ހާލަތްތައް އާދެ އެވެ. މިސާލަކަށް ގަސްތަކަށް ކާންދިނުމާއި އަންނައުނު ދޮންނަ ލައްފިލުވާ ބޭނުން ކުރުމެވެ. މިފަދަ ކެމިކަލްތަކުން އަތުގެ ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އަބަދުވެސް އަންގިއެއް ބޭނުންކުރަން އާދަ ކުރާށެވެ.