ސައުތު ވެސްޓަން އެއާލައިންސްގެ ފްލައިޓެއްގައި އެ ފްލައިޓްގެ އެއް ފްލައިޓް އެޓެންޑެންޓް ކަމަށްވާ ސިންތިއާ ހެކް ފުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔަ އެވެ."

ލައިފް ވެސްޓެއްގައި އެހެރީ އަހަރެންގެ މާމަ. އެންމެން ވެސް އޭނާއަށް އިހުތިރާމް ކުރާތި" ފްލައިޓުގެ ސްޕީކަރުން އޭނާގެ މާމަ ދަރިފުޅު ހަނާ ހެކް ބުނި އެ ބަސްކޮޅުން ސިންތިއާއާއި އެ ފްލައިޓްގެ ދަތުރުވެރިންނަށް ވެސް ސިހުން ގެނުވި އެވެ.

ޖަވާބުގައި ސިންތިއާ ވެސް މަޖާ ގޮތަކަށް ގޭގައި ދޮންނަން ހުރި އަންނައުނު ދޮވެފިންތޯ ހަނާ ކައިރީގައި އަހާލި އެވެ. އެއާއެކު އެއީ ތިމާގެ ބައެއްކަން ދަތުރުވެރިންނަށް ޔަގީންވި އެވެ.

މިއީ ލަސްވޭގަސްއަށް ނިސްބަތްވާ މާމައަކާއި އޭނާގެ މާމަ ދަރިފުޅު އެކުގައި ކުރި ފުރަތަމަ ދަތުރުގެ ކުޑަ ތައާރަފެކެވެ. އެއީ އެ ދެމާމައިންގެ ވާހަކައިގެ ފެށުމެއް ނޫނެވެ.ސިންތިއާއާއި ހަނާއަކީ ހަނާ އެންމެ ކުޑައިރުވެސް ގާތް ދެމީހުންނެވެ. އެކުގައި ކުޅެ އުޅުމާއި ތަފާތު ކަންތައްތައް މާމައާއެކު ކުރުމަކީ ހަނާ އަބަދުވެސް ކުރާހިތްވާ ކަމެކެވެ.

އެހެން ކަމުން ބޮޑުވެ ފުރާވަރަށް އެޅުމުން މާމަ ހިނގި މަގުން ފްލައިޓް ކްރޫއަކަށް ވާން ހަނާ ނިންމި ނިންމުމަކީ އެއާއިލާއަށް ހައިރާން ކުރުވަނިވި ނިންމުމެއް ނޫނެވެ.ފްލައިޓް ސްކޫލް ނިންމުމަށްފަހު ސައުތު ވެސްޓް އެއާލައިންސްގައި ހަނާ އޭނާގެ ފުރަތަމަ ދަތުރު ކުރަން ތައްޔާރުވިއިރު އޭނާއަށް ސިއްރުން ހަމަ އެ ފްލައިޓްގައި ދަތުރުކުރަން ސިންތިއާ ވެސް ނިންމި އެވެ.

އެހެންކަމުން އެ ފްލައިޓް ވެގެން ދިޔައީ އެ ދެމީހުންނަށް ވެސް ތަފާތު އިހުސާސްތަކެއް ކުރުވި ފްލައިޓަކަށެވެ. ސިންތިއާ އޭނާގެ މާމަ ދަރިފުޅަށްޓަކައި ފަހުރުވެރިވިއިރު ހަނާ ހުރީ މާމަގެ ފިޔަވަޅު މަތިން ހިނގޭތީ އުފަލުންނެވެ.

ސިންތިއާ ބުނީ ހަނާއަށް އަބަދުވެސް އޭނާގެ ހިތްވަރާއި ތަރުހީބު ލިބޭނެ ކަމަށާއި މިއީ ހަނާއަށް ކާމިޔާބު ދަތުރެއްގެ ފެށުން ކަމަށެވެ.