ޝާހްރުކް ޚާންއަކީ ބޮލީވުޑް ބޮކްސް އޮފީހުގައި މިއަހަރު އެންމެ ކާމިޔާބު ތަރިއޭ ދެންނެވިދާނެ އެވެ. އޭނާގެ ދެ ފިލްމެއް މިއަހަރުގެ މިހާތަނަށް ރިލީޒް ކުރެވި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ.

ހަމައެއާއެކު ކުރިއަށް ވެސް އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ފިލްމަކީ 2024 ވަނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމެކެވެ.

އެގޮތުން މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ޝާހްރުކް ޚާންއާއެކު ފިލުމުގެ ރޯލަކުން އޭނާގެ ދަރިފުޅު ސުހާނާ ޚާންވެސް ފެނިގެން ދިއުމެވެ. މިއީ ޝާހުއާއި ސުހާނާ ފިލްމަކުން އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓް ކުރާނެ ކަމަށް ބުނެވޭ އެ ފިލްމަކީ ހައި އެކްޝަން ތްރިލާ ފިލްމެއް ކަމަށް ހަބަރުތައް ބުނެ އެވެ. ޝާހްރުކް ޚާން މިހާރު އަންންނީ ލޯބީގެ ފިލްމުތަކުގެ ބަދަލުގައި އެކްޝަން ފިލްމުތައް ކުޅެމުންނެވެ.

އޭނާގެ ދެ ފިލްމު ކަމަށްވާ ޕަތާންއާއި ޖަވާން ވެސް މިއަހަރު ބޮކްސް އޮފީހުގެ އެތައް ރެކޯޑެއް މުގުރާލާފައިވާއިރު ޑިސެމްބަރު މަހު އަޅުވާ "ޑަންކީ" އެފަދަ ފިލްމަކަށް ވާނެ ކަމަށް ބުނެވެ އެވެ.

ސުހާނާއަށް ބަލާއިރު އޭނާގެ އެންމެ ފުރަތަމަ ވެބް ސީރީޒް "އާޗީސް" މިހާރު ވަނީ ނުކުމެފަ އެވެ. މިއީ މަޝްހޫރު އާޗީ ކޮމިކްސްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސީރީޒް އެކެވެ.