އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެކްޓްރެސް ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ވަނީ މީގެ ދެ ދުވަހެއް ކުރިން އޭނާގެ އެކްސް އެކައުންޓްގައި "ވަކިވާންވީ ވަގުތު ޖެހިއްޖެ" ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓުގައި ވަކި މީހެއްގެ ނަން ލިޔެފައި ނުވާއިރު މި އުނދަގޫ ވަގުތުގައި އޭނާއަށް ވަގުތު ދިނުމަށް އާއްމުންނާއި މީޑިއާގެ ކިބައިން ރާޖް އެދިފައިވެ އެވެ.
މި ޕޯސްޓާއެކު ރާޖްއާއި ޝިލްޕާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި އިންޑިއާގެ ނޫސްތަކުގައި ވެސް ގަދަވި އެވެ.
ރާޖްގެ އެ ޕޯސްޓުގެ މާނައަކީ އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހި ވަރިވާން އުޅުން ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
މި އަޑުތައް މީޑިއާގައި ގަދަވެފައި ވަނިކޮށް ރާޖް މިވަނީ އިތުރު ޕޯސްޓެއް ކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބު ދީފަ އެވެ. ރާޖްގެ ޕޯސްޓުގައި ބުނެފައިވަނީ އޭނާ ވަކިވާން ގަސްދުކުރީ އޭނާ ބޭނުންކުރަމުން އައި މާސްކުތަކާ ކަމަށެވެ.
ރާޖްއަކީ އާއްމު ފެނިލުންތަކުގައި އޭނާގެ މޫނު ނުފެންނަ ގޮތަށް އެކި ކަހަލަ މާސްކު އެޅުމުގެ ފެޝަނެއް ގެންގުޅުނު ފަރާތެކެވެ. ރާޖް ބުނީ އެ މާސްކުތަކަށް އަލްވަދާއު ކިޔަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.
ރާޖްގެ އެންމެ ފަހުގެ ޕޯސްޓާއެކު އޭނާއާއި ޝިލްޕާގެ މެދުގައި އެއްވެސް މައްސަލައެއް ނޫޅޭކަން އޭނާ ވަނީ ޔަގީން ކޮށްދީފަ އެވެ.
2009 ވަނަ އަހަރު ކައިވެނިކުރި ރާޖްއާއި ޝިލްޕާގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެ ދެމީހުންނަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.