ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްްސް (އެފްއޭއެމް) އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ފުލުހުން އެ އިދާރާ ފާސް ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމަކާ ގުޅިގެން އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޕީޖީ އޮފީހުގެ ބަޔާނެއްގައި ބުނީ މައްސަލަ ތަހުގީގުކުރަން އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.

އެހެންވެ އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

ޕީޖީން ބުނި ގޮތުގައި ރާއްޖެއަކީ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި އެ ކަންކަން އެ މަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެކެވެ.

"ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާ ގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ." ޕީޖީން ބުނެފައިވެ އެވެ.

ފުލުހުން އެފްއޭއެމަށް ވަތް އިރު، އެ އިދާރާ ދަރަނިވެރިވެ، ކްލަބްތަކަށް ފައިސާ ނުދެވި ދިވެހި ފުޓްބޯޅަ ހުއްޓުމަކާ ހިސާބަށް ވަނީ ގޮސްފަ އެވެ. އެފްއޭއެމް ހިންގަމުން އަންނަނީ ތަނުގެ މުވައްޒަފުންނާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ވެސް ނުދީ އެވެ.