ޚާން ޔޫނިސް ކައިރިން ގާޒާ އަށް ވަންނަން އުޅުނު އިޒުރޭލު ސިފައިން ހަމާސް އިން ހުއްޓުވައިފި ކަމުގައި އެ ޖަމާއަތުން ބުނެފި އެވެ.

ހަމާސް އިން ބުނި ގޮތުގައި ގާޒާ އަށް ވަދެގަންނަން މަސައްކަތް ކުރި އިޒުރޭލު ސިފައިންނާ ކުރިމަތިލައި އޭގެ ތެރެއިން އެކަކު މަރާލައި ދެ ބުލްޑޯޒަރު ވަނީ އަތުލައި ގަނެފަ އެވެ. އިޒުރޭލުން ވަނީ އެ ގައުމުގެ ސިފައިންގެ ތެރެއިން އެކަކު މަރުވެ ހަތް މީހުން ޒަކަމްވި ކަމަށް އެއްބަސްވެފަ އެވެ.

ގާޒާ ހިސާރުކޮށް މެދުކެނޑުމެއް ނެތި ބޮން އަޅަމުން ގެންދާ އިޒުރޭލުގެ ސިފައިން ވަނީ ގާޒާއަށް އިންސާނީ އެހީގެ ކުޑަ މިންވަރެއް ގެންދެވޭ ގޮތް އިއްޔެ ހަދައިފަ އެވެ. ކާބޯތަކެއްޗާއި ބޯފެނާއި ބޭހަށް ޖެހިފައިވާ ދެ މިލިއަން މީހުންނަށް ވުރެ ގިނަ މީހުން ގާޒާގައި ތިބި އިރު އިޒުރޭލުން ހުއްދަ ދިނީ އެންމެ 14 ލޮރީގެ އެހީ ގެންދިއުމަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި 14 ލޮރީގެ އެހީ އަކީ ގާޒާ އޮތް ހާލަތަށް ބަލާއިރު ފުން ކަނޑަކަށް ވައްޓާލާ ފެން ތިއްކެއް ފަދަ އެއްޗެކެވެ.

ގާޒާގެ ބޮން އެޅުމާއި ހިސާރު ކުރުން ކުރިޔަށްދާ އިރު އިޒުރޭލުގެ ޓޭންކަކުން ހަމަލާދީ ރަފްހާ ބޯޑަރު ކައިރިން މިސްރުގެ ސަރަހައްދުން ބަޔަކު ވަނީ ޒަޚަމް ކޮށްލައިފަ އެވެ. އިޒުރޭލުގެ ދިފާއީ އިދާރާ އިން ބުނި ގޮތުގައި މިސްރުގެ ސަރަހައްދަށް އިޒުރޭލުގެ ޓޭންކުން ހަމަލާ ދެވުނީ އޮޅުމަކުންނެވެ. މި ހަމަލާގައި ރަފްހާ ހުރަސް ކުރާ ޕޮއިންޓުގެ ގާޑުންނަށް ވަނީ އަނިޔާވެފަ އެވެ.

ގާޒާގައި ހަރަކާތްތެރި ވަމުންދާ ރެޑް ކްރެސެންޓު ޖަމާއަތުން އިއްޔެ ހާމަކުރި ގޮތުގައި ގާޒާގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިޒުރޭލުން ވަނީ ދީފަ އެވެ. ރެޑް ކްރެސެންޓްގެ ސްޕޯކްސް ޕާސަން ބައިނަލްއަގުވާމީ އިދާރާތަކަށް ގޮވައިލެއްވީ އިޒުރޭލުން އަލް ގުދުސް ހޮސްޕިޓަލަށް ބޮން އެޅުން ހުއްޓުވުމަށެވެ.

ހަމާސްގެ ބާރު ފަލަސްތީނުން އެއްކޮށް ކަނޑުވާލާނެ ކަމަށް ބުނެ އިޒުރޭލުން ކުރަމުން ގެނަދާ ހަނގުރާމައިގައި ގާޒާ ހިސާރުކޮށް ކަރަންޓާއި ފެން ކަނޑާލައި ކާބޯތަކެތި ލިބޭނެ މަގު ބަންދު ކޮށްފައި އޮންނަތާ ދެ ހަފުތާ ވެއްޖެ އެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އިޒުރޭލުން ބޭނުން ވަނީ އެއްގަމު މަގުން ގާޒާ އަށް ވަދެގަތުމުގެ ކުރިން ހަމާސް ބަނޑަށް ޖައްސައި ބަލި ކުރުމަށެވެ. މިއީ އެންމެ ބޯދާ ޒަމާނުގެ ހަނގުރާމައިގެ އުކުޅެއް ކަމުގައި ވިޔަސް މި ޒަމާނުގައި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.