އިނގިރޭސި ވިލާތުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް މިއަދު ފަށައިފި އެވެ.

ބިލިނިއަރު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ލަންޑަންގެ ހީތުރޫ އެއާޕޯޓާ ދެމެދުގައި ސީދާ ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް ފެށުން. --- ފޮޓޯ: އެމްއޭސީއެލް

ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް ވީއައިއޭގައި ޖެއްސީ މިއަދު ހެނދުނު 7:40 ގަ އެވެ. އެ އެއާލައިނަށް މަރުހަބާ ކިއުމުގެ ގޮތުން ބޮޑުބެރުގެ އައިޓަމަކާއި ސަގާފީ ނެށުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ވާޖިން އެޓްލާންޓިކުން ބޯއިން 787 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ 200 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް ފެށުން. --- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވިދާޅުވީ ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް ފެއްޓުމާ ގުޅިގެން އެއާލައިނަށް މަރުހަބާ ދަންނަވާ ކަމަށެވެ. މިއީ ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް ފެށުން. --- ފޮޓޯ: އެމްއޭސީއެލް

މަހްޖޫބް ޝުޖާއު ވަނީ ވާޖިން އެޓްލާންޓިކާ ގުޅިގެން ކުރިއަށް ދިއުމަށް އެމްއޭސީއެލް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ބްރިޓިސް އެއާވެސް އިން ގެންދަނީ ރާއްޖެއަށް ސީދާ ދަތުރުތަކެއް ކުރަމުންނެވެ.