އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަށް 23 ދުވަސްވީ އިރު، ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، މިހާތަނަށް އައިއިރު، ފަލަސްތީނުގެ 8،005 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 3،324 ކުޑަކުދިންނާއި 2،062 އަންހެނުންނާއި 460 އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ހަމަލާތަކުގެ ސަބަބުން އިމާރާތްތައް ވެއްޓިފައިވާ އިރު، އެ ތަންތަނުގެ ދަށުގައި ތިބި މީހުންގެ އަދަދު ވެސް 1،870 އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި 1،020 ކުޑަކުދިން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 20،000 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފަ އެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ހަމަލާ ދޭން ފެށީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި، ގިނަ ބަޔަކު މަރާލުމާ ގުޅިގެން ބަދަލު ހިފުމަށެވެ. ހަމާސް އިން ވަނީ 1،400 މީހުން މަރާލައި، 250 މީހުން ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފަ އެވެ.
ހަމާސް އިން ބުނާ ގޮތުގައި އެމީހުން އިސްރާއީލަށް ހަމަލާ ދިނީ، މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް އުނދަގޫ ކުރުމާއި މަސްޖިދުލް އަގްސާގެ ހުރުމަތް ކަނޑަމުންދާތީ އެކަމަށް ބަދަލު ހިފާށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އައިއިރު، 30 އަށް ވުރެ ގިނަ ހޮސްޕިޓަލްގެ ހިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އެއީ ފަރުވާ ދޭނެ ވަސީލަތްތައް ނެތުމާއި ހޮސްޕިޓަލްތައް ކަރަންޓުން ހިންގުމަށް ޖަނަރޭޓަރުތަކުން ތެޔޮ ހުސްވުމުންނެވެ. ހިދުމަތްތައް ހުއްޓިފައިވާ އިރު، މިސްރާއި ޣައްޒާ ގުޅޭ ބޯޑަރު ސަރަހައްދުން އިންސާނީ އެހީ ފޯރުކޮށްދޭން ވަނީ ފަށައިފަ އެވެ. އިންސާނީ އެހީގެ ގޮތުގައި ބޭހާއި ކާބޯތަކެއްޗާއި އެ ނޫން ވެސް ސާމާނު ހިމެނެ އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، ޔަހޫދީ ސިފައިން މިހާރު ވަނީ އެއްގަމު މަގުން ޣައްޒާ އަށް އަރައި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އަދި ރައްދުގައި ހަމާސްގެ ހަނގުރާމަވެރިން ދަނީ ހަމަލާތައް ދެމުންނެވެ. އޭގެ އިތުރުން އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ.