ޝާހްރުކް ޚާންގެ އެންމެ ފަހުން ރިލީޒް ކުރެވުނު ފިލްމު "ޖަވާން" މިއަދުގެ ވަގުތެއްގައި ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއަށް އަންނާނެ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެ އެވެ.

މިއަދު ޖަވާން ނެޓްފްލިކްސްއަށް ގެންނަން ހަމަޖައްސާފައިވަނީ ޝާހްރުކް ޚާންގެ އުފަންދުވަހާ ގުޅުވައިގެންނެވެ. މިއަދަކީ އޭނާގެ 58 ވަނަ އުފަން ދުވަހެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރެވުނު ޖަވާންއަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ. އެގޮތުން އެ ފިލްމަށް ލިބުނު އާމްދަނީ 1000 ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް އަރަ އެވެ.

އަޓްލީ ޑައިރެކްޓްކޮށް ޝާހްރުކް ޚާންގެ އިތުރުން ދީޕިކާ ޕަދުކޯން އިސްރޯލުތަކުން ފެނިގެން ދިޔަ ޖަވާން އޮންލައިން ސްޓްރީމިން ޕްލެޓްފޯމަށް އަންނާނެ ދުވަހަކަށް ގިނަ ބަޔަކު އައީ އިންތިޒާރު ކުރަމުންނެވެ.

ޖަވާން އޯޓީޓީ ޕްލެޓްފޯމުގައި ރިލީޒް ކުރެވޭއިރު ޝާހްރުކް ޚާން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޑަންކީ"ގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.