ކުރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 2.389 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މި މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ކުރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތަކެއް ބަލައިފާކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
ކަސްޓަމްސްއިން ބުނީ ތަފާތު ފަސް މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ހަތަރު މައްސަލައެއްގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާފައި ކަސްޓަމްސްއިން ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އަދި އެއް މައްސަލަައިގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މި ފަސް މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 2.389 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ. އަދި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ޕޯސްޓް މެދުވެރިކޮށް މި ފަދަ ގޮތްގޮތަށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.