ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ސޯލިހު މި ގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު:14/2019 ) ގެ ދަށުންނެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 04/93)ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމެއް ނޫންކަމާއި އަދި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައި ވެސް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހެއް ނޫންކަމަށް ވުމާއެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކަމަށްވާތީކަން ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހުގައި ބަޔާން ކުރައްވާފައިވެ އެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓާނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ. ހަމަ އެހެންމެ، ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ވެސް މި ކަރުދާހުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމާއި އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސާދީގޮތުން އަދި އިޖުތިމާއީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެ ކަމެއްކަން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކަރުދާހުގައި ފާހަގަކުރައްވާފައިވެ އެވެ.