ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ސަބަބުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށާއި ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އެއާޕޯޓް މަޝްރޫއު އަވަހަށް ނިންމުންކަން ރައީސް މުއިއްޒު މީގެކުރިންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި އެއާޕޯޓް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ޑިޒައިންތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އެ މަޝްރޫއަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށް ވެސް ފިރްޒުލް ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒު ޔޫއޭއީއަށް ކުރެއްވި ޒިޔާރަތުގައި ލިބިވަޑައިގެން ފުރުސަތުގެ ތެރެއިން، އަބޫދާބީ ފަންޑުގެ އިސްބޭފުޅުންނާއި ޔޫއޭއީ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކުގައި އެއާޕޯޓް ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 79.80 މިލިޔަން ޑޮލަރު، 1.2 ބިލިޔަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.

ފިރްޒުލްގެ އެ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށެވެ.

އަމީރުގެ އެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އޮޅުވާލުމާއި މަކަރާއި ހީލާތް ރައްޔިތުން ބަލައިނުގަންނަ ކަން ރީތިކޮށް ފެންނާނެ ކަމަށެވެ.

"ރޯމާ ދުވާލު މިވަރުގެ ބޮޑެތި ދޮގުތައް ހަދާއިރު، ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއާޕޯޓު މަޝްރޫއަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ ރައީސް ސޯލިހްގެ ސަރުކާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ. އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހަމަޖައްސަވައި ދެއްވި އެހީއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފިރުޒުލް މިއަދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިޔަށް މި ހިނގާ ދުވަސްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަން އެއާޕޯޓްގެ މަސައްކަތް ކުރިޔަށް ދާގޮތް ބައްލަވާލެއްވުމަށް ވެސް ވަނީ ނިންމަވައިފަ އެވެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މަނިކުފާނު މަސައްކަތުގެ ސައިޓަށް ވަޑައިގެން އަމަލީ ގޮތުން އެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލާއްވާނެ އެވެ.

މީގެ ކުރިން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ހުރިހާ ސިނާއަތަކަށް ވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުން ކަމަށެވެ. ނަމަވެސް އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މި މަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައި މަހު ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް އަވަސްކުރަން ޖެހޭ ކަމަށާއި އެމަނިކުފާނު އަމާޒަކީ އަންނަ ސެޕްޓެމްބަރަށް އެއާޕޯޓްގެ މަސައްކަތް ނިންމާލުން ކަމަށެވެ.

ވީއައިއޭ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓްގައި ހަދާ އެންމެ މުހިންމު އިމާރާތް ކަމަށްވާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ.