ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށާއި އެކަމާ މެދު އިންފޮމޭޝަން ކޮމިޝަނަރު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

"ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން އެދިފައިވަނީ އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިންގެ ޖުމުލަ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފްސީލް ދިނުމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތަކީ ގައުމީ ސާލަމަތަށް ނުރައްކާވާ މައުލޫމާތެއް ކަމަށް ކަނޑައެޅީ ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފުން ދިން މައުލޫމާތެއް މައްޗަށް ބިނާކޮށް އެކަނި ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ޝަފީއު އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ، ހާރިޖީ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.