ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ ފިލްމުތަކަކީ އަބަދުވެސް ތަފާތު ފިލްމުތަކެކެވެ. އެ ޕްރޮޑަކްޝަންގެ އެންމެ ފަހުގެ އުފެއްދުންތަކަކީ ޝާހްރުކް ޚާންގެ "ޕަތާން"އާއި ސަލްމާން ޚާންގެ "ޓައިގާ 3" އެވެ.

"ޕަތާން"ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނިގެންދިއުމާއެކު ޝާހުއާއި ސަލްމާން އެކުގައި އެއް ފިލްމަކުން ފެންނަން ބޭނުންވެފައިވާ އާއްމުން އެކަމަށް އެދެމުން ދިޔަ އެވެ.

އެއާއެކު ޔަޝް ރާޖް ފިލްމްސްއިން އެ އަޑު އަހައި "ޓައިގާ ވާސަސް ޕަތާން"ގެ ނަމުގައި މުޅިން އާ ފިލްމެއްގެ މަސައްކަތް ފެށި އެވެ. ބުނެވޭ ގޮތުގައި އެ ފިލްމުގެ ސްކްރިޕްޓަށް ޝާހްރުކްއާއި ސަލްމާން ވެސް ވަނީ އާނބަސް ބުނެފަ އެވެ.

އެ ފިލްމާ ބެހޭ ގޮތުން ސުވާލް ކުރެވުމުން ސަލްމާން ބުނީ ޓައިގާ އަބަދުވެސް ހުންނާނީ ތައްޔާރަށް ކަމަށާއި ހުރިހާ ކަމެއް ހަމަޖެހުމުން އޭނާ ދާނެ ކަމަށެވެ.

ސިދްހާތު އާނަންދު ޑައިރެކްޓްކުރާ "ޓައިގާ ވާސަސް ޕަތާން"ގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހު ފެށޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.

ޝާހްރުކް ޚާންއާއި ސަލްމާން މައި ރޯލުން އެކުގައި އެންމެ ފަހުން ފެނިގެން ދިޔައީ 1995 ވަނަ އަހަރު ނުކުތް "ކަރަން އަރްޖުން"ގަ އެވެ. އޭގެ ފަހުން އެކަކު އަނެކަކުގެ ފިލްމުތަކުގައި ދެމީހުންވެސް ހާއްސަ ފެނިލުންތަކުން ފެނިފައިވެ އެވެ.