ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރިޔަށްގެންދާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ގޮވާލެއްވީ ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖޮއިންޓް ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ޖޮއިންޓް ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ އާންމު ރައްޔިންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ޢައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާދިއުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާ އެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މުޅި ޣައްޒާގެ ރައްޔިތުން ސާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވި އެވެ. ފަލަސްތީނާއި، މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމުގެ މަގަކީ، ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ޣައްޒާ އާއި އަލްޤުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ ޢަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ގަރާރާއެކުގަ އެވެ. މި ގަރާރަކީ އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފަލަސްޠީނުގެ ބިންތައް ހިފައިގެން އިސްރާއީލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ ޢަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާ އިން ބާއްވާ ސަމިޓެކެވެ. ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން އަންނަނީ އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކާ ގުޅިގެން އެ ޖަމުޢިއްޔާގައި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.