ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ އެ މައްސަލަ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

މަޖިލިހުގެ އިދާރާ އިން ބުނީ އަފީފް، މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ، އިމްތިޔާޒް ކޮމިޓީ އަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ބާއްވާ ބައްދަލުވުމެއް މިއަދަށް ތާވަލްކޮށްފައިވާ ކަމަށެވެ.

އިމްތިޔާޒް ކޮމިޓީގެ އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 1:00 ގަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާތީ މިއަދު ދެ ފަހަރެއްގެ މަތިން ޖަލްސާއެއް ބޭއްވި އެވެ. ފުރަތަމަ ޖަލްސާގައި މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި ވަނީ އެއާ އެކު ހިމަނަން ޖެހޭ ތަފްސީލްތައް ނުހިމަނާ ކަމަށެވެ. ގަރާރުގައި ދީބާޖާއެއް އޮންނަން ޖެހޭނެ ކަމަށް ގަވައިދު ބުނާ އިރު، މިހާރު ހުށަހެޅިފައި އޮތް ކަރުދާހަށް ބަލާ އިރު، ދީބާޖާއެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ވިދާޅުވެ، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފް ވަނީ ގަރާރު ހުށަހަޅާފައި ވަނީ މަޖިލިހުގެ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ، އެ ގަރާރު ބޭރުކޮށްލައި މަޖިލިސް ނިންމަވާލައްވައިފަ އެވެ.

އޭގެ ފަހުން، މިއަދު 11:30 ގައި ޖަލްސާއެއް ބޭއްވި އިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ހަމައެކަނި ވިދާޅުވީ 11:30 އަށް އެޖެންޑާކުރި ޖަލްސާގެ އެޖެންޑާގައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ، ނިޒާމީ ނުކުތާއަކާ ގުޅިގެން، ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.

އީވާ ވިދާޅުވީ މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ގަރާރަކީ، ސުޕްރީމް ކޯޓުގެ ހުކުމަށް އަދި މަޖިލީހުގެ ގަވައިދަށް ރިއާޔަތްކޮށް ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރަކަށް ވާތީ، އެ ގަރާރު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެން ވިދާޅުވެ އިވާ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.