ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލާފައިވާތީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމަށް އެގޮތަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދާ އިރު، އަފީފާއި އީވާ އަށް މަޖިލިހުގެ ރިޔާސަތުގައި ނުބެލެހެއްޓޭނެ ކަމަށް ނިންމައި، ރިކޮމެންޑޭޝަނެއްގެ ގޮތުގައި އާންމު ކޮމިޓީއެއް ހުށަހަޅަން ވެސް އިމްތިޔާޒް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ހުށަހެޅުއްވީ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ ހުށަހެޅުން ވެސް ކޮމިޓީން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާތީ މިއަދު ދެ ފަހަރެއްގެ މަތިން ޖަލްސާއެއް ބޭއްވި އެވެ. ފުރަތަމަ ޖަލްސާގައި މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި ވަނީ އެއާ އެކު ހިމަނަން ޖެހޭ ތަފްސީލްތައް ނުހިމަނާ ކަމަށެވެ. ގަރާރުގައި ދީބާޖާއެއް އޮންނަން ޖެހޭނެ ކަމަށް ގަވައިދު ބުނާ އިރު، މިހާރު ހުށަހެޅިފައި އޮތް ކަރުދާހަށް ބަލާ އިރު، ދީބާޖާއެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ވިދާޅުވެ، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފް ވަނީ ގަރާރު ހުށަހަޅާފައި ވަނީ މަޖިލިހުގެ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ، އެ ގަރާރު ބޭރުކޮށްލައި މަޖިލިސް ނިންމަވާލައްވައިފަ އެވެ.

އޭގެ ފަހުން، މިއަދު 11:30 ގައި ޖަލްސާއެއް ބޭއްވި އިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ހަމައެކަނި ވިދާޅުވީ 11:30 އަށް އެޖެންޑާކުރި ޖަލްސާގެ އެޖެންޑާގައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ، ނިޒާމީ ނުކުތާއަކާ ގުޅިގެން، ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.

އީވާ ވިދާޅުވީ މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ގަރާރަކީ، ސުޕްރީމް ކޯޓުގެ ހުކުމަށް އަދި މަޖިލީހުގެ ގަވައިދަށް ރިއާޔަތްކޮށް ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރަކަށް ވާތީ، އެ ގަރާރު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެން ވިދާޅުވެ އިވާ ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.