ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން އެގަރާރު ބޭރުކޮށްލީ ގޯސްކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅަފައިވާ ގަރާރު މިއަދު ހެނދުނު 09:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ގަރާރު އެވަގުތު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ބޭރުކޮށްލައިފަ އެވެ.

މަޖިލީހުގެ ދެވަނަ ޖަލްސާއެއް މިއަދު 11:30 ގައި ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު ރިޔާސަތުން ހެނދުނު ބޭރުކޮށްފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އީވާ ވަނީ މިއަދަށް ތާވަލުކުރި މަޖިލީހުގެ ދެވަނަ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތުން ނަޝީދުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫން ކަމަށް މަޖިލީސް އިދާރާއިން ދެކޭ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއިން ގަރާރު ބޭރުކޮށްލާފައިވަނީ އެގޮތަށް އަމަލުނުކުރުމަށް މަޖިލީހުގެ އަމީންއާއްމު ވެސް ލަފާދެއްވަފައި ވަނިކޮށް ކަމަށް ޒިޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލާފައިވާތީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.