ފަލަސްތީނުގެ މައްސަލައަކީ ފާއިތުވެދިޔަ 100 ވަރަކަށް އަހަރަށް ބަލާ އިރު ދުނިޔޭގެ މުސްލިމުންގެ ހިތްކަށް އެންމެ ބޮޑު ދަތި ކަމެއް ގެނެސް ދިން މައްސަލަ ކަމުގައި ވާނެ އެވެ. އެ ބިމެއްގައި މާތްﷲ ބަރަކާތް ލައްވައިފައިވާ މުގައްދަސް ބިން ކަމަށްވާ ގުދުސް (ޖެރޫސަލަމް) އަކީ ފަލްސްތީނުގެ ރަށެކެވެ. އެކަލާނގެ ހުރުމަތް ކުރެއްވި ބައިތުލް މަގުދިސް ވަނީ ގުދުސުގެ ބިމުގަ އެވެ. އެއީ މުސްލިމުންގެ ފުރަތަމަ ގިބުލަ އެވެ. މި ހުރިހާ ސަބަބުތަކަކާ ހުރެ މުސްލިމުންގެ ހިތްތަކާ ފަލަސްތީނާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ތާރީޚަށް ބަލާއިރު ފަލަސްތީނަށްޓަކައި މުސްލިމުން ވަނީ ގިނަ ގުނަ ގުރުބާނީތަކެއް ވެފަ އެވެ.
މި ޒަމާނުގެ ތާރީޚަށް ބަލާ އިރު 1918 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޖީއެމްޓީން 11 ޖެހި އިރު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާ ނިމުނުކަން އިއުލާންކުރި ކުރުމަކީ ފަލަސްތީނުގެ އަދުގެ ހާލަތުގެ ފެށުން ކަމުގައި ބެލެވިދާނެ އެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ ކުރެވުނީ ޔޫރަޕްގެ ގައުމުތަކުގެ މެދުގަ އެވެ. މައިގަނޑު ގޮތެއްގައި ރަޝިއާ އާއި ފަރަންސޭސި ވިލާތާ އިނގިރޭސި ވިލާތް އެކުވެ، އުފައްދާފައި އޮތް އިއްތިހާދާކާ ޖަރުމަނާ ދެމެދު ކުރެވުނު ހަނގުރާމައެއްގެ ތެރެއަށް އޭރު ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު ދައުލަތް ކަމަށްވާ މުސްލިމް އުސްމާނީ ދައުލަތް ވަންނަން ޖެހުނީ ހާލަތު ދިމާކުރި ގޮތުން އެނޫން ގޮތެއް ނެތިގެންނެވެ.
އެ ހަނގުރާމައިގެ ތެރެއަށް ތުރުކީ ވެއްދުމުގައި ހުޅަނގު ޔޫރަޕްގެ ފޮރުވިފައި އޮތް ޕްލޭނަކީ އުސްމާނީ ދައުލަތް ދުނިޔެއިން ފޮހެލައި އެ ދައުލަތުގެ ދަށުގައި ހުރި މެދުއިރު މަތީގެ ބިންތައް މިލްކުކުރުމެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނުއިރު މެދު އިރުމަތީގެ އަރަބި ގައުމުތަކާއި އެފްރިކާގެ މުސްލިމު ގައުމުތަކުގެ އިތުރުން އިރުމަތީ ޔޫރަޕްގެ ބަޔކާއި ބަލްކަނުގެ ބޮޑު ބައެއް ވެސް އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގަ އެވެ. އެހެންކަމުން އޭރު ފަލަސްތީނަކީ ވެސް އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް ބިމެކެވެ. އެ ބިމުގައި އުޅެމުން ދިޔައީ އަރަބި މުސްލިމުންގެ އިތުރުން މަދު އަދަދެއްގެ ޔަހޫދީންނާއި ނަސާރާ އިންނެވެ. ސުލްހަ ވެރިކަމާއި ހަމަޖެހުމާ އެކުގަ އެވެ.
ޖަރުމަނާ އުސްމާނީ ޚިލާފަތާ ދެކޮޅަށް ޔޫރަޕުން ހަނގުރާމަ ކުރަމުން ދިޔައިރު ހަނގުރާމައާ ގުޅުންހުރި ދެތިން ކަމެއް ފަރަންސޭސިންނާއި އިނގިރޭސިން ގެންދިޔައީ އަޑިއަޑިން ރާވަމުންނެވެ. އެ ހަރަކާތްތައް އަމާޒުކޮށްފައި އޮތީ އުސްމާނީ ޚިލާފަތް ބަލިކުރުމަށް ފަސޭހަކުރުމަށްޓަކައި އެ ޚިލާފަތުގެ ތެރޭގައި ބައިބައިވުން އުފެއްދުމުގެ ހަރަކާތަކާއި ޔޫރަޕްގައި އުޅޭ ޔަހޫދީންނަށް ވަތަނެއް ހޯދައި ދިނުމަށް މެދުއިރުމަތީން ބިމެއް ހޯދުމުގެ އެޖެންޑާ އެވެ.
މި ދެ ހަރަކާތުގެ ތެރެއިން މެދުއިރުމަތީގެ އަރަބިން ތުރުކީގައި އޮތް އިސްލާމުންގެ ވެރިކަމާ ދެކޮޅަށް ތެދުވެ ޔޫރަޕަށް ވާގިވެރިވުމުގެ ރޫހު އުފެއްދި އެވެ. ތުރުކީގައި އިސްލާމީ ޚިލާފަތާ ދެކޮޅަށް ޒުވާން ތުރުކީންގެ ޖަމާއަތެއް އުފެއްދީ ވެރިކަން ޒަމާނީކުރަން ޖެހިފައިވާކަމުގެ ޕަލްސަފައާ އެކީގަ އެވެ.
މެދުއިރުމަތީގެ އަރަބިންގެ ތެރެއިން މި ކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މައްކާގެ ޝަރީފު ހުސެއިންނެވެ. ޝަރީފު ހުސެއިނަށް އިނގިރޭސިންވީ ވައުދަކީ ހަނގުރާމަ ނިމި އިނގިރޭސިންނާއި ފަރަންސޭސިން މޮޅުވެއްޖެނަމަ މެދުއިރުމަތީގެ ބިންތަކުގައި އަރަބި ރަސްކަމެއް އުފައްދައިދޭނެކަމުގެ ވައުދެވެ. އެ ވައުދަށް ހެއްލި، އަރަބި ރަސްކަމެއްގެ ދަހިވެތިކަމުގައި އަރަބިން ތުރުކީއާ ދެކޮޅަށް ނުކުމެ ހަނގުރާމައިގައި އިނގިރޭސިންނަށް އެހީވި އެވެ. އަރަބިން އުސްމާނީ ޚިލާފަތާ ދެކޮޅަށް ނުކުތް ނިކުތުމަކީ ހަނގުރާމައިގައި ތުރުކީން ބަލިވުމަށް މެދުވެރިވި އެންމެ ބޮޑު އެއްސަބަބެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނާއި ފަރަންސޭސިން މެދު އިރުމަތީގެ އަރަބިންގެ އެހީތެރިކަމާ އެކު އެ ގައުމުތައް ހިފަމުން ދިޔައިރު ނަޖުދުގެ ވައްހާބީން ދިޔައީ ހިޖާޒުގައި ޝަރީފު ހުސެއިނާ ދެކޮޅަށް ހަނގުރާމަކޮށް މައްކާގެ ސަރަހައްދަށް ވެރިވެގަތުމަށް މަސައްކަތް ކުރަމުންނެވެ. އެ ގުރޫޕަކީ އޭރު އިނގިރޭސިންނާ ދެކޮޅު ގުރޫޕެކެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ ނިމި އަރަބިންނަށް ވާނުވާ އެނގުނުއިރު މެދުއިރުމަތީގެ ބިންތައް އޮތީ އިނގިރޭސިންނާއި ފަރަންސޭސިންގެ މެދުގައި ބަހާލެވިފަ އެވެ. އަރަބިންނަށް ލިބޭނެ ކަމަށް ހީކުރި ރަސްކަމެއް އެމީހުންނަށް ލިބޭނެ ގޮތެއް ނުވި އެވެ. ޝަރީފު ހުސެއިން އެކަމުގެ އެދުމުގައި ކުރެއްވި މަސައްކަތަށް އިޖާބައެއް ނުލިބުނެވެ. ބަދަލުގައި މެދުއިރުމަތި ބަހާލި އެވެ. ކުރިން އިނގިރޭސިންނާ ދެކޮޅުވެރި ބައެއްގެ ގޮތުގައި ބެލެވުނު ނަޖުދުގެ ގުރޫޕަށް ހިޖާޒުގެ ބިމުގައި ސައޫދީ އަރަބިޔާގެ ނަމުގައި ދައުލަތެއް އުފެއްދުމަށް އިނގިރޭސިން އެހީތެރިވި އެވެ. އިރާގާއި އުރުދުން އާއި ސީރިޔާ އާއި ލުބުނާން ވަކިވަކި ދައުލަތްތަކެއްގެ ގޮތުގައި އުފެއްދިއިރު ފަލަސްތީންގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ މަސައްކަތް ވެސް ދިޔައީ ކުރެވެމުންނެވެ.
ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އިޒްރޭލަށް އިނގިރޭސިންގެ އެހީގައި ފަލަސްތީނަށް ހިޖުރަ ކުރަމުން ގެންދިޔަ ޔަހޫދީންނަށް ދައުލަތެއް އުފެއްދޭ ވަރުވީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުންނެވެ. އެއީ 1948 ވަނަ އަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.
އިޒްރޭލްގެ ނަމުގައި ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދައުލެއް އުފެއްދުމަށް އެކު އެ ބިމުގައި ތިބި ފަލަސްތީނުގެ އަރަބި މުސްލިމުންގެ ބިންތައް ފޭރި، ގެދޮރުން ނެރެ، އެ ބިންތައް މިލްކުކުރުމުގެ މަސައްކަތް އިޒްރޭލުން ފެށި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރި ގާޒާ އާއި އިރުމަތީ ގުދުސްގައި ތިބި ޖޯޑަން އާއި މިސްރުގެ ސިފައިންނަށް ހަމަލާދިނުން ކުރިއަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން ގުޅިފައި އޮތް އަރަބި ލަޝްކަރަކުން އިޒްރޭލާ ހަނގުރާމައަށް ނިކުތެވެ. ޖޯޑަން އާއި މިސްރާއި އިރާގާއި ސީރިޔާ ގުޅިގެން 1967 ވަނަ އަހަރު ކުރި ހަނގުރާމަ ދެމިއޮތީ އެންމެ ހަތް ދުވަހަށެވެ.
އެ ހަތް ދުވަހުގެ ތެރޭގައި އޭރު ބާރުގެ ގޮތުން ބަލިކަށި ކަމަށް ގަބޫލުކުރެވުނު އިޒްރޭލް ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތުގެ އެހީގައި އަރަބި ގައުމުތައް ބަލިކޮށް، އޭރު އަރަބިންގެ ކޮންޓްރޯލުގެ ދަށުގައި އޮތް ބިންތައް ހިފައިފަ އެވެ. އޭގެ ތެރޭގައި އިރުމަތީ ގުދުސާއި ގާޒާ އާއި ގޯލާންގެ އުސް ބިންތައް ހިމެނެ އެވެ.
މިއަދު އިޒްރޭލަށް އެމީހުން ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ގޮތެއް ހެދިޔަސް އެކަމާ އަރަބިންނާއި އިސްލާމީ އުންމަތަށް ކުރެވޭނެ ކަމެއް ނެތްކަން ޔަގީންވާ ފަދައިން އަރަބި އިސްލާމީ އުންމަތަށް ކަށަވަރުވާ ކަމަކީ އިޒްރޭލާ ކުރިމަތި ލެވޭހާބާރު އެމީހުންގެ ކިބައިގައި ނެތް ކަމެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ގާޒާގެ ރައްޔިތުން މަރައި، ނަސްލު ނައްތާލައި އެބިން ފޭރުމުގެ އެންމެ ފަހުގެ މަސައްކަތްކުރަމުން ގެންދާއިރު، އެމެރިކާ އާއި ދުނިޔޭގެ ބާރުތައް ބުނަމުން ގެންދަނީ އިޒްރޭލްގެ އަމަލުތައް ހުއްޓުވަން އެއްވެސް ހަރަކާތެއް ކޮށްލި ބައެއްގެ ދުވަސް ދުއްވާލާނެ ކަމަށެވެ. ލުބްނާނާއި އީރާނަށް އިޒްރޭލުން ވަނީ ގާޒާއިން މިސާލު ނެގުމަށް އިންޒާރު ދީފަ އެވެ. އެހެންކަމުން އަރަބި ގައުމުތަކަށް އިޒްރޭލާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް މިއަދަކު ނެތެވެ. އެމީހުން ވަނީ ފަލަސްތީން ގުރުބާން ކުރުމަށް ފަހު އެ މީހުން އާބާދުކުރަން ބޭނުންވި ރަސްކަމުގެ ހުވަފެނުގައި ގަދަ ނިންޖަކުން ނިދައިފަ އެވެ.