ސްމާޓް ފޯނާއި ޓެބްލެޓް ގެ ސަބަބުން އުމުރުން ދެއަހަރުގެ ތުއްތު ކުދީންނަށް ވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމަށް ސައެންސްވެރީން އިންޒާރު ދީފި އެވެ.

ސްކްރީނަށް ބަލަހައްޓައިގެން ދުވާލަކު އެންމެ ގަޑިއިރެއް ހޭދަ ކުރުމުން ވެސް ކުދީން މާޔޫސްވެ ކަންބޮޑުވާ ކަމަށް އެމީހުން ފާހަގަކުރެ އެވެ. އޭގެ ސަބަބުން ކަންކަމަށް ހުންނަ ޝައުގު ކުޑަވެ، މަސައްކަތް ނިންމުމަށް ނުކުޅެދި ޖަޒުބާތު ކޮންޓްރޯލް ނުކުރެވުމާއި އަދި އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫ ވުންފަދަ ކަންކަން ކުރިމަތިވެ އެވެ.

ފޯނާއި ޓެބްލެޓް ފަދަ ތަކެތީން ބޮޑަށް ނުރައްކަލަށް ހުށަހެޅެނީ ފުރާވަރު އުމުރުގެ ކުދީން ކަމުގައިވީނަމަވެސް އުމުރުން 10 އަހަރުން ދަށުގެ ކުދީންނާއި އަދި ތުއްތު ކުދީންގެ ތަރައްގީ ވަމުން އަންނަ ސިކުނޑި އަށް ނޭދެވޭ އަސަރު ކުރެ އެވެ.

ސްކްރީން ވަގުތުގެ ގޮތުގައި ދުވާލަކު 4 ގަޑި އިރު ހޭދަ ކުރާ ކުދީން ވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވާ ކަމަށް މިކަމާ ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކުގައި ފާހަގަ ކޮށްފައިވެ އެވެ.

ސްކްރީން ވަގުތުގެ ގޮތުގައި ގިނަ ވަގުތު ހޭދަ ކުރާ ޕްރީ ސްކޫލް އުމުރުގެ ކުދީން ނުވަތަ އުމުރުން 5 އަހަރުން ދަށް ކުދީން، ކުދި ކުދި ކަންކަމާ ވެސް ވަރަށް އަވަހަށް ރުޅި އިސްކުރާކަން ވެސް އެ ދިރާސާތަކުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކަމަކާ އުފާ ވުމުން ވެސް މާބޮޑަށް އުފާކޮށް މެދުމިނެއްގައި ހިފަހައްޓަން ނޭނގޭ ކަމަށް ވެސް ހޯދިފައިވެ އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން ހާމަކޮށްފައިވާ ގޮތުގައި ފުރާވަރު ޢުމުރުގެ ކުދީން ސްކްރީން ވަގުތުގެ ގޮތުގައި ދުވާލަކު މަދުވެގެން ފަސް ގަޑިއިރާއި ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަކުރެ އެވެ. މީގެ ސަބަބުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ސްކްރީނަށް ދެވިހިފާފައިތިބޭ ކުދީން ނިދިން މަޙްރޫމްވެ، ފަލަވުމާއި، އަދި ސައިބަ ބުލީން އަށް ހުށަހެޅޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. އެއާއެކު އިޖްތިމާއީ އަގުތައް ގެއްލި މީހުންނާއި ވާހަކަ ނުދައްކަން ހިމޭންކަން އިޚްތިޔާރު ކުރެ އެވެ.

މި ސަބަބަށްޓަކައި ބޮޑުވަމުން އަންނަ ކުދިންގެ ސްކްރީން ޓައިމް ވަކި މިނެއްގައި ހިފެހެއްޓުމަކީ އެކުދިންގެ ދުޅަހެޔޮ ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ.