ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފްރާންސްގެ ކޯޓަކުން ނެރެފި އެވެ.
މި އަމުރުގައި ބައްޝާރުގެ އިތުރުން ބައްޝާރުގެ ކޮއްކޮ މާހިރު އަލް އަސަދާއި ސީރިއާގެ ސަރުކާރުގެ އެހެން އިސް ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. ފްރާންސްގެ ކޯޓުން މި އަމުރު ނެރުނީ ސީރިއާގައި ހިނގަމުންދާ އަހުލީ ހަނގުރާމާގައި މަނާ ހަތިޔާރު ބޭނުންކޮށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ކުށުގަ އެވެ.
ފްރާންސްގެ މި އަމުރަކީ 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ސީރިއާގެ މަގުތަކަށް ނިކުމެ ހަމަ ނުޖެހުން ހިންގި މީހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ފެށުނު ހަނގުރާމައިގައި ހިންގާފައިވާ ކަމަށް ބުނާ ހަނގުރާމައިގެ ކުށްތަކާ ބެހޭ ގޮތުން ޔޫއެން އިން ނެރެފައިވާ ރިޕޯޓެއްގެ މައްޗަށް ނެރެފައިވާ އަމުރެކެވެ. އެއީ 2013 ވަނަ އަހަރު ސީރިއާގެ އަވަށަކަށް ދިން ހަމަލާއެއްގައި ހާހެއްހާ މީހުން މަރުވެ ދިޔަ ހާދިސާއެއްގައި ކްލޮރިން ފަދަ ކެމިކަލް ބޭނުންކޮށްފައިވާ ކަމަށް ފެނިގެންނެވެ. މިއީ މިހާތަނަށް ބައިނަލް އަގުވާމީ ކޯޓަކުން ބައްޝާރު ހައްޔަރު ކުރުމަށް ނެރުނު ފުރަތަމަ އަމުރު ވެސް މެ އެވެ.
ގައުމުތަކުގެ އިސް ވެރިންގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރު ނެރުމަކީ ވަރަށް މަދުން ހިނގާކަމެކެވެ. ސަބަބަކީ އެ ބޭފުޅުންނަށް ލިބިފައިވާ އިމްތިޔާޒުތަކެވެ. އެހެން ނަމަވެސް ހަނގުރާމައިގެ ކުށްތަކަށް އަރައިގަތުމުން ބައެއް ވެރިން ހައްޔަރުކުރުމަށް އަމުރު ނެރެފައިވެ އެވެ.
މިހާރު ދުނިޔޭގައި ތިބި މީހުންގެ ތެރެއިން މިފަދަ އަމުރެއް ނެރެފައި ވަނީ ޔުކްރޭން ހަނގުރާމައިގައި ހަނގުރާމައިގެ ކުށް ހިންގާފައިވާ ކަމަށް ބުނެ ރަޝިޔާގެ ރައީސް ޕޫޓިން އަށާއި ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ މައްޗަށެވެ.
އަސަދުގެ މައްސަލަ ފްރާންސްގެ ކޯޓަށް ހުށަހެޅީ އިންސާނީ ހައްގުތަކަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތު ކުރާ ސީރިއާގެ ޖަމާއަތަކުންނެވެ. އެ ޖަމާއަތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސީރިޔާގެ ރައީސް ވަނީ ހަނގުރާމައިގެ އެތަކެއް ކުށެއް ހިންގައިފަ އެވެ. އެހެނަސް އެމީހުން ކޯޓަށް ހުށަހެޅި ކެމިކަލް ހަތިޔާރުގެ މައްސަލައަކީ އާދަޔާ ޚިލާފު ނުބައި އަމަލެއް ކަމުގައި ވާތީ ކޯޓުގެ ނިންމުމާ މެދު އެމީހުން ހިތްހަމަޖެހެ އެވެ.
ފަލަސްތީނުގެ ގާޒާގައި އިޒުރޭލޭކިޔާ ގައުމުގެ ލާއިންސާނީ ބޮޢުވަޒީރު އެއްވެސް ކުށެއްނެތް މަޢުސޫމް ތުއްތު ކުދިންނާއި އަންހެނުންމަރާ މުޅިގާޒާސިޓީ ފުނޑު ފުޑުކޮށް ނިންމާލިއިރު ކޮބާ ދުނިޔޭގައިތިބި އެބުނާ އިންސާނީ ޙައްގުތައް ޙިމާޔަތްކުރާ ޖަމްޢިއްޔާ ތަކާއި ބާރުގަދަ ގައުމު ތަކުގެ ވެރިން ފުރަތަމަވެސް ހައްޔަރުކުރޭ އިޒުރޭއީލުވެ ޖައްބަރު ބޮޑުވަޒީރު.